
ފެނަކަ
ތ. ވިލުފުށި އަދި މ. ކޮޅުފުށީގައި އަލަށް ބިނާކޮށްފައިވާ ހައުސިންގް ޔުނިޓްތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ނިމެނީ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން ބުނީ މި މަޝްރޫއުގެ ދަށުން މި ދެ ރަށުގައި އަލަށް އާބާދުވެފައިވާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގޮސް، މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ވިލުފުށީގެ 100 ހައުސިންގް ޔުނިޓަށް ފެނާއި ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތުގެ 47 އިންސައްތަ ނިމިފައިވާއިރު، ކޮޅުފުށީގައި ބިނާކޮށްފައިވާ 100 ހައުސިންގް ޔުނިޓަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމުގެ 46 އިންސައްތަ މަސައްކަތްވެސް ފުރިހަމަކޮށްފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ތަކުގެ ދަށުން މިހާރު ވިލުފުށީގައި ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކޮޅުފުށީގައި ކުރިއަށްދަނީ ނަރުދަމާ ނިޒާމު ގާއިމްކުރުމަށްޓަކައި ހޮޅި ވަލުމުގެ މަސައްކަތްކަމަށް ފެނަކައިން ބުންޏެވެ.
މީގެއިތުރުން ފެނަކައިން ބުނީ މި މަސައްކަތްތައް މި އަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުންފުނިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ފެނަކައިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ ބައިވެރިވުމާއެކު ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފެނަކައިން ފާހަގަކުރި އެވެ.
މި މަޝްރޫއުގެ ދަށުން ކޮޅުފުށީގައި ތަރައްގީކޮށްފައިވާ ހައުސިންގް ޔުނިޓްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި 20 ހަފްތާގެ ތެރޭގައި ނިންމާ ގޮަތަށެވެ. އަދި ވިލުފުށީގައި ތަރައްގީކޮށްފައިވާ ހައުސިންގް ޔުނިޓްތަކުގައި ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައާއި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައި، 8 މަސް ދުވަހުން ނިންމާ ގޮތަށެވެ.















