
-
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުޙައްމަދު ނަޒްމުލް އިސްލާމް، މިފްކޯގެ އައު ސީއީއޯ މުޙައްމަދު އަނަސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު މިފްކޯގެ މައި އޮފީހުގައި އެވެ. އެގޮތުން މިއީ ސީއީއޯ އަނަސް މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރި އެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.
މިއަދު ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، މިފްކޯއާއި ބަންގްލަދޭޝާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތަށް ވެސް ފައިދާހުރި ތަފާތު ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވިދާނެ ފުރުސަތުތަކާ މެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ޚާއްޞަކޮށް، މިފްކޯގެ އައު މެނޭޖްމަންޓުން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ބައިނަލްއަގުވާމީ ފެންވަރުގައި މަސްވެރިކަމުގެ ސިނާއަތުން ލިބެންހުރި ފުރުސަތުތަކުގެ ބޭނުން ހިފުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބަންގްލަދޭޝްއާއެކު އޮތް ވިޔަފާރިއާއި މަސްވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.












