
ފޮޓޯ: މޯލްޑިވިއަން
ރާއްޖެއިން އުމްރާގެ މަތިވެރި އަޅުކަމަށް ހަމައެކަނި މާލެއަށް ބަރޯވުން ނިމުމަކަށް އައިސް، އައްޑު ސިޓީން ސީދާ ސައުދީ އަރަބިއްޔާ އަށް ދަތުރުތައް ފަށައިފިއެވެ.
މޯލްޑިވިއަންގެ އޭ330 މަތިންދާބޯޓުގައި ފެށި މި ތާރީޚީ ފުރަތަމަ ދަތުރުގައި 260 މީހުން ވަނީ އުމްރާއަށް ފުރާފައެވެ. އުމްރާވެރިންނަށް މޯލްޑިވިއަން އިން ހާއްސަ ހަދިޔާއެއްވެސް ދީފައި ވެއެވެ.
އުމްރާގެ ދަތުރުގެ ހިދުމަތް ފޯރުކޮށްދޭ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ދަ ޓްރެވެލާ އާއި ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ބޭއްވި ފްލައިޓުގެ ސަބަބުން އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެކަން ޔަގީނެވެ.
ދެކުނުގެ ހަތަރު އަތޮޅުގެ މެދުގައި ވައިގެ ދަތުރުފަތުރުކުރުމަށް ހާއްސަ ވިއުގައެއް ގައުމީ އެއަރލައިނުން ވަނީ ގާއިމުކޮށްފައެވެ. ސައުތު ކަނެކްޓިވިޓީ ނެޓްވޯކުގެ ނަމުގައި ގާއިމުކުރި ވިއުގައިގެ ތެރެއިން އައްޑޫ، ފުވައްމުލައް، ހުވަދު އަތޮޅުގެ ތިން ބުރީގެ މެދުގައި ޝެޑިއުލު ދަތުރުތައް ވަނީ ފަށާފައެވެ.
















