
ސްޓޭޓްފާމާގެ ބޭސްފިހާރައެއް:- ފޮޓޯ : ޕީއެސްއެމް
ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި އެސްޓީއޯ އިން ހިންގާ ފާމަސީތައް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް (ސްޓޭޓްފާމާ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށް ހިދުމަތްދޭން ފަށައިފި އެވެ.
ސްޓޭޓްފާމާ އިން މިކަން ހާމަކޮށް ކުރެއްވި ޕޯސްޓެއްގައި ބުނީ މިކަމުގެ މައިގަނޑު މަގްސަދަކީ މުޅި ރާއްޖޭގައި ބޭހުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެގޮތް ތަނަވަސްކޮށްދީ، ހިދުމަތް އިތުރަށް ހަރުދަނާކޮށް ފެންވަރު ރަނގަޅުކުރުމުގައި ސާބިތުވެ ތިބުން ކަމަށެވެ.
ރައްޔިތުން ސްޓޭޓްފާމާ އަށް ކުރައްވާ އިތުބާރަށް ޝުކުރު އަދާކޮށް، ސްޓޭޓްފާމުން ބުނީ މިކަހަލަ މުހިންމު އަދި ގައުމީ ބޮޑު ޒިންމާއަކާ ހަވާލުވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. އަދި މިގެނެވޭ ބަދަލުތައް ތަންފީޒުކުރުމުގެ މަރުހަލާގެ ތެރޭގައި ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދިފަައިވެ އެވެ.
ބޭސް ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރު ހިދުމަތް ދިނުމުގެ ގޮތުން ކުންފުނީގެ ހޮޓްލައިން 1505 އަށް ގުޅުއްވައިގެން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށްވެސް ފެންވަރު ރަނގަޅު ހިދުމަތްދިނުން ކަމަށް ސްޓޭޓްފާމާ އިން ފާހަގަކުރި އެވެ.
ސްޓޭޓްފާމާގެ ދަށަށް އެސްޓީއޯގެ ފާމަސީތައް ބަދަލުކުރުމުގެ މަސައްކަތަށް އެ ތަންތަން ބަންދުކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.
















