



.jpeg?w=3840&q=75)




-
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް، ހއ. ބާރަށު ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.
ވެ. މި ބައްދަލުކުރެއްވުމުގައި ބާރަށުގެ ދަނޑުވެރިކަމާއި، ރަށުގެ އިޤްތިޞާދާ ގުޅުންހުރި މުހިންމު ދާއިރާތަކުން ކުރިއަށްދާ މަޝްރޫޢުތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ބާރަށު ކައުންސިލްގެ ރައީސް އަލީ ޝަމީމް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގެ އެންމެ މުހިންމު ކަމެއްގެ ގޮތުން މަޝްވަރާކުރެވުނީ ބާރަށުގައި ހުރި ރުއްތަކަށް މިދުވަސްވަރު ފެތުރެމުންދާ ނުރައްކާތެރި ބައްޔެއް ކޮންޓްރޯލްކުރުމާ ގުޅޭގޮތުންނެވެ. ބާރަށު ކައުންސިލްގެ ރައީސް ވަނީ ރުއްތަކަށް ފެތުރެމުންދާ ބަލި ހުއްޓުވުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ލިބެންޖެހޭ ފަންނީ އަދި އިލްމީ އެހީތެރިކަން މިހާރުން މިހާރަށް ބޭނުންވާކަން މިނިސްޓަރުގެ ސަމާލުކަމަށް ގެންނަވާފައެވެ.
މީގެ އިތުރުން، ބާރަށަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަށަކަށްވުމާއެކު، އެ ރަށުގައި ދަނޑުވެރިކަމުގެ ސިނާޢަތް މިހާރަށްވުރެ ބޮޑަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ޚާއްޞަކޮށް ރާއްޖޭގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ޤައުމީ ސިޔާސަތުގެ ދަށުން، ބާރަށުން ހިއްސާވެވިދާނެ މުހިންމު ދައުރާ ގުޅޭގޮތުން ދެފަރާތުން ވަނީ ފަންނީ ރޭވުންތަކެއް ރާވާފައެވެ.
ވަޒީރު އަޙްމަދު ޝިޔާމް ވަނީ ބާރަށުގެ ކައުންސިލުންނާއި މެންބަރު ޝުޖާޢު ހުށަހެޅުއްވި ކަންކަމަށް ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެ، ރުއްތަކަށް ޖެހިފައިވާ ބަލި ދެނެގަނެ އެކަން ޙައްލުކުރުމަށް މިނިސްޓްރީގެ ފަންނީ ޓީމުތަކުގެ އެހީތެރިކަން ލަސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ބާރަށުގެ ދަނޑުވެރިންނަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމުގައި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.




.jpeg?w=3840&q=75)



