
-
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ ބިޔަ މަޝްރޫޢުގެ ދަށުން، ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ފާދިއްޕޮޅު އޮޅުވެލިފުށީގައި މިއަދު ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ޤުދުރަތީ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ހިފާފައިވާ ޤައުމީ އަމާޒަށް ވާސިލުވުމުގެ ގޮތުން އެ ރަށު ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ނަމޫނާ ހަރަކާތެކެވެ. މިއަދު ހެނދުނު އޮޅުވެލިފުށީގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި، ސްކޫލް ކުދިން އަދި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން ވަނީ ފޯރިއާއެކު އަމަލީގޮތުން ބައިވެރިވެފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ނާޒުކު ތިމާވެށި ސަލާމަތްކުރުމަށް ބާރުއެޅުމާއި، އަންނަން އޮތް ޖީލުތަކަށް ފެހި އަދި ދުޅަހެޔޮ ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމެވެ. ޅ. އޮޅުވެލިފުށީގައި މިއަދު އިންދާފައިވަނީ އެ ރަށުގެ ފަސްގަނޑާ ގުޅޭ، ހިޔާލިބޭ ބޮޑެތި ގަސްތަކުގެ އިތުރުން މޭވާ އަޅާ އެކި ބާވަތްތަކުގެ ގަސްތަކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ފަށާފައިވާ މި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށީގެ ތާރީޚުގައިވެސް ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް އޮތް ތަނުގައި މިފަދަ ފެހި ހަރަކާތްތައް ސިލްސިލާގޮތެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.














.jpg?w=3840&q=75)

