








-
ލ ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.
އެގޮތުން އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.
އެމްއައިބީއިން މައުލޫމާތު ދޭގޮތުގައި ފޮނަދޫގައި ޤާއިމްކޮށްފައިވާ އެމްއައިބީ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ،
އެމްއައިބީގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މިއަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު މި 19 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓިއެމްއެއް ބަހައްޓާނެއެވެ. މީގެ އިތުރުން ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލީގައި އެބޭންކުގެ ސޭލްސް ސެންޓަރުތައްވެސް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މި އަމާޒު ހާސިލުކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.




