
-
ލ. ފޮނަދޫ އައިޔޫއެމް ކޭމްޕަސް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފެށީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު މިހާރު ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފޮނަދޫއަށް ވަޑައިގެން މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި ފޮނަދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން، 3911.92 އަކަފޫޓުގެ ސަރަހައްދެއްގައި، 2 ފަންގިފިލާގެ މައި އިމާރާތެއް އިމާރާތްކުރާނެއެވެ. އަދި 1970.76 އަކަފޫޓުގެ ސަރަހައްދެއްގައި 1 ފަންގިފިލާގައި މިސްކިތަކާއި ވުޟޫ ކުރާ ބައެއް ހަދާނެއެވެ. މީގެ އިތުރުން 1571.53 އަކަފޫޓުގެ ސަރަހައްދެއްގައި 2 ފަންގިފިލާގެ މުވައްޒަފުން ތިބޭނެ ބަޔަކާއި 7836.12 އަކަފޫޓުގެ ސަރަހައްދެއްގައި 4 ފަންގިފިލާގައި މުނިފޫހިފިލުވާނެ ބަޔަކާއި ޖިމަކާއި ކެފެޓޭރިއާއެއް ހަދާނެއެވެ.
މި މަޝްރޫޢަކީ 17.60 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.












