

.jpeg?w=3840&q=75)
.jpg?w=3840&q=75)





މިނިސްޓަރ ސައީދު
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދު މިކަން ހާމަކުރެއްވީ ރައީސް މުއިއްޒު ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލާއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ސައީދު ވިދާޅުވީ ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ. ނަމަވެސް ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 3 މަސްދުވަހުގެ ތެރޭގައި ފަންޑަށް 30 މިލިއަން އެމެރިކާ ޑޮލަރު އެހެރީ ޖަމާކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
"މިއީ ވެރިންނަކީ. މިއީ ޤައުމު ދެކެ ލޯބިވާ ވެރިންނަކީ. " ރައީސް މުއިއްޒުއަށް އިޝާރަތް ކުރައްވައި ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ މި ރޭޝިއޯއިން ބަލާއިރު އަހަރެއްގެ ތެރޭ 130 މިލިއަން ޑޮލަރު ފަހަށް ރައްކާ ކުރެވޭ މި ފަންޑަށް ޖަމާވާނެ ކަމަށާއި ޒިންމާދާރު ރިފޯމުތަކާއެކު މި ޤައުމުގެ ކުރިމަގު ދާނީ ބާރު ސްޕީޑުގައި ކުރިއަށް ކަމަށެވެ.
ވެރިކަމާއި ހަވާލުވި އިރު ސޮވެރިން ފަންޑު ހުރި ހާލަތަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފަންޑުގައި ހުރި 400 މިލިއަން ޑޮލަރު މާރުކޮށް "ހުސްކޮށްލީ" ކަމަށެވެ.
އެސްޑީއެފަކީ ދައުލަތުގެ ދަރަނި އަދާކުރަން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. ސައީދަކީ އޭރުގެ ވެސް އިކޮނޮމިކް މިނިސްޓަރެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)




