

.jpeg?w=3840&q=75)
.jpg?w=3840&q=75)





މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ކުރެހުމެއް
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުއަށް ބިން ހިއްކުމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށް އެކޮނިމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫއު ފެށުމަށްޓަކައި ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ވީއެންމެ އަވަހަށް ފެއްޓުމުގެ ތައްޔާރީތައްވުމަށް ސަރުކާރުދަނީ ތައްޔާރުވަމުން ކަމަށެވެ. އަދި މިއާއި އެކު ސައީދު ވިދާޅުވީ ރައީސް ޑރ މުޢިއްޒުގެ ތަރައްޤީގެދުވެލި ބާރުވާނެ ކަމަށެވެ.
ސައީދު ވަނީ އެޕޯސްޓާއި އެކު މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުނީގެ ފޮޓޯއެއް ވެސް އާންމުކޮށްފައި އެވެ. ސަރުކާރުން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިޔަށް ގެންދަން ނިންމާފައިވަނީ އެކުންފުންޏާއި ހަވާލުކޮށްގެެންނެވެ.
މެރިޓައިމް ހިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން މި ސަރުކާރުން ނިންމާފައިވަނީ “މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ” ނުވަތަ ރާއްޖޭގެ އިގުތިސާދީ ދޮރާށީގެ ނަމުގަ އެވެ.
ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ގައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށްގެން ފްރީޒޯން ކުންފުނި އުފެއްދީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.
އެ ކުންފުނި އުފެއްދީ ސަރުކާރު ހިއްސާވާ ފަސް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާ ގޮތަށެވެ.
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުއަކީ ސައީދު ވަޒީރު ކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފަށަން ނިންމި މަޝްރޫއެކެވެ. މި މަޝްރޫއު " އައިހެވަން " ގެ ނަމުން ނަންދީ ކުރިޔަށް ގެންދަން އޭރު ނިންމީ އިހަވަންދިއްޕޮޅުގައި އެވެ. ރައީސް މުއިއްޒުގެ ސަރުކާރުންވެސް މި މަޝްރޫއުގެ މަސައްކަތް ކުރިޔަށް ގެންދަން ނިންމާފައިވަނީ އިހަވަންދިއްޕޮޅުގައި އެވެ.


.jpeg?w=3840&q=75)
.jpg?w=3840&q=75)




