
Sembe
ކުރީގެ ސަރުކާރުން ޗައިނާއާ އެކު ހެދި ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެ އެވެ.
ސެމްބެގެ އުފަން އަށް ކަމުގައިވާ ފަރެސްމާތޮޑާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރުގައި މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން ދެންނެވުމުން ވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.
އެހެންނަމަވެސް، ޕީއެންސީގެ ވެރިކަމެއްގައި މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދެއްވާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ. މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ ފަރެސް މާތޮޑާގެ މަސްވެރިން މިހާރު މަސް ކިރަން ބޮޑު ހޭދައެއް ކޮށްގެން ކޫއްޑޫއަށް ދާން ޖެހުނު ނަމަވެސް، ސެމްބެ ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ސަރުކާރެއްގައި ގދ. ފިޔޯރީގައި މަސް ކިރޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.
"3000 ޓަނުގެ މަސް ކިރޭނެ ފެސިލިޓީ ފިޔޯރީގައި ގާއިމް ކުރާނަން، އެއީ މަސްވެރިންގެ އުދާސްތަކަށް ހައްލަކީ،" އޭނާ ވިދާޅުވި އެވެ.
ހަމައެއާ އެކު މަސް ކިރާފައި އެއަށް ހަމަ އަގެއް ލިބުމަކީ ވެސް މަސްވެރިން އެދޭނެ ކަމެއް ކަމަށް ފާހަގަ ކުރައްވައި، ސެމްބެ ވިދާޅުވީ ޗައިނާއާ އެކު ޕީޕީއެމްގެ ސަރުކާރުން ހަދަން ނިންމި ފްރީ ޓްރޭޑް އެއްބަސްވުގެ ދަށުން، މަސްވެރިންނަށް ރަނގަޅު ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.
















