
Untitled design - 1
އައްޑޫ ބިން އިތުރުކުރެވޭ ސަރަޙައްދުގެ ކޮރަލް ރީލޮކޭޝަން ޕްރޮޖެކްޓު މަސައްކަތް ކާމިޔާބު ކަމާއި އެކު ޖެމްސް މޯލްޑިވްސްއިން ނިންމާލައިފިއެވެ.
މި މަސައްކަތުގެ ތެރެއިން ވަނީ 70،000 މުރަކަ ކޮލެނީ ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައެވެ. މިއީ ބޮޑު މަސައްކަތެއް ކަމުން މި ޕްރޮޖެކްޓުގައި އެކި ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޖެމްސް މޯލްޑިވްސްގެ އިތުރުން އައްޑޫ ޑައިވް އަދި ރީފް ސްކެޕާސްއިންވެސް ވަނީ މި ޕްރޮޖެކްޓުގެ ބައެއް ކޮމްޕޮނެންޓުތަކުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ޖެމްސް މޯލްޑިވްސްއިން ކޮށްފައިވަނީ މި ޕްރޮޖެކްޓުގެ 30 ޕަސެންޓު މަސައްކަތެވެ.
މި މަސައްކަތަކީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ހިންގާ ނެދަލެންޑްސްގެ ކުންފުނި ވެން އޫޑު އިން ޖެމްސް މޯލްޑިވްސްއަށް ސަބް ކޮންޓްރެކްޓަރ އުސޫލުން ދެވުނު ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގައި މަސައްކަތްކުރި ޖެމްސް މޯލްޑިވްސްއިން ބުނެފައިވަނީ މަސައްކަތް ކުރުމަށް ލިބުނު ސައިޓުގައި ހުރި ގިނަ މުރަކަތަކުން ގިނަ މުރަކަތަށް ހުރި ރަނގަޅު ސިއްހަތުގައި ކަމަށާއި ބައެއް މުރަކަތަކުން ޕާޝަލް ބްލީޗިންގ އާއި ޕާޝަލް މޯޓަލިޓީ ފެނިފައިވާ ކަމަށެވެ.
ބިން ހިއްކުމަށް ހަމަޖެހިފައިވާ މަރަދޫއާއި މަރަދޫފޭދޫއާއި، ހިތަދޫގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ވަކިން ހިއްކާ ދެ ރަށުގެ ސަރަހަދުގައި ހުރި މުރަކަ ކޮލެނީ ރައްކާތެރި ސަރަހައްދަކަށް ވަނީ މި ޕްރޮޖެކްޓުގެ ދަށުން ބަދަލުކޮށްފައެވެ.
ޖެމްސް މޯލްޑިވްސްއިން މި ޕްރޮޖެކްޓުގައި ކުރި މަސައްކަތްތަކުގައި ޑީޕްސީ ހޯލްޑިންގްސްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
އައްޑޫ ކޮރަލް ރީލޮކޭޝަން ޕްރޮޖެކްޓަކީ ރާއްޖޭގައި ހިންގި މިފަދަ އެންމެ ބޮޑު ޕްރޮޖެކްޓެވެ.
އައްޑުއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރަން ފެށުނު ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއުގެ މަސައްކަތް ކުރިޔަށްދަނީ އީއައިއޭގައިވާ ގޮތުގެ މަތިން މޮނިޓަރިން އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ.
ޖެމްސްމޯލްޑިވްސް އިން ބުނެފައިވަނީ ރާއްޖޭގައި ހިންގުނު ކޮރަލް ރިލޮކޭޝަން އެންމެ ބޮޑު ޕްރޮޖެކްޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ކުންފުންޏަށް ލިބުނު ފަހުރެއް ކަމުގައެވެ. އަދި ހަވާލު ކުރެވުނު މުއްދަތުގެ ކުރިން މަސައްކަތް ފުރިހަމަޔަށް ނިންމާލެވުމަކީ ވަރަށް ބޮޑު ހިންހަމަ ޖެހުމެއް ލިބުނު ކަމެއްކަމަށާއި، މިފަދަ މަސައްކަތްތަކަށަ ކުންފުނި ފުރިހަމަޔަށް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ލިބިގެންދިއަ ކަމެއް ކަމަށެވެ.












