0x0
ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކްލަބްު ކަމުގައިވާ ބާސެލޯނާގެ ދޮރުތަށް ހުރީ ލައޮނަލް މެސީއަށް ހުޅުވިފައި ކަމަށް ބާސާގެ ކޯޗް އަދި އެޓީމުގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ބުނެފިއެވެ.
ބާސާގެ ކޯޗުކަމާއި މިދިޔަ އަހަރު ހަވާލުވި ޒަވީ މިމޭރުމުން ވާހަކަދެއްކީ މިރޭ ކުޅޭ އެލްކްލެސިކޯ ޕްރީ މެޗް ކޮންފަރެންސުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ޒަވީ ބުނީ ލައިނަލް މެސީއަކީ ދުނިޔެ ދުއް އެންމެ މޮޅު އަދި އެކްލަބުގެ ތާރީހުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ ކަމަށާއި ޒަވީގެ ކޯޗުކަމުގައި މެސީއަށް ބާސާގެ ދޮރުތަށް އަބަދުވެސް ވާނީ ހުޅުވިފައި ކަމަށެވެ. އަދި އަނބުރާ ޓީމަށް އައުމުގެ ހައްޤު މެސީ ވަނީ އޭނާ ބާސާއަށް ކުޅުނު އިރު ދެއްކި މޮޅު ކުޅުމުން ހޯދާފައި ކަމަށެވެ.
ނަމަވެސް މިވަގުތު މެސީ އެނބުރި ބާސާއަށް އައުން ގާތް ނޫންކަމަށާއި ސަބަބަކީ ޕީއެސްޖީއާއި އެކު މެސީ ހަދާފައިވާ ކޮންޓްރެކްޓަށް އޭނާ އިހްތިރާމް ކުރާނެތީ ކަމަށްވެސް ޒަވީ ބުންޏެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ. އެކާވީސް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް މެސީ ޕީއެސްޖީ އަށް ބަދަލުވިއިރު، ބޯނަހެއްގެ ގޮތުގައި އޭނާ އަށް 25 މިލިއަން ޕައުންޑް (34 މިލިއަން ޑޮލަރު) ދިނުމަށް ޕީއެސްޖީއިން ވަނީ އެއްބަސްވެފައެވެ.
ބާސާއިން މެސީ ދޫކޮށްލަން ނިންމީ އެޓީމުގެ މާލީ ހާލަތު ހުރި ގޮތުންނެނެވެ.