logoEN
WAMCO TOP 1
ޑްރޯން ބޭނުންކޮށްގެން ނިރުބަވެރި ހަމަލާތަކެއް ދޭން ރޭވި ބޮޑު ނެޓްވޯކެއް އިރާގުގެ ޖާސޫސީ އިދާރާއިން އަތުލައިގަނެފި

ޑްރޯން ބޭނުންކޮށްގެން ނިރުބަވެރި ހަމަލާތަކެއް ދޭން ރޭވި ބޮޑު ނެޓްވޯކެއް އިރާގުގެ ޖާސޫސީ އިދާރާއިން އަތުލައިގަނެފި

އަހުމަދު ޝުރާއު

logo

8/9/2026, 11:07:51 AM

# އިރާގު

-

އިރާގުގައި ޑްރޯން (ޔޫއޭވީ) ބޭނުންކޮށްގެން ދޭން ރޭވި ނުރައްކާތެރި ހަމަލާތަކެއް ނާކާމިޔާބުކޮށްލައި، އެކަން ރޭވި ބޮޑު ނެޓްވޯކް އަތުލައިގަނެފިފައިވާ ކަމަށް އިރާގު ސަރުކާރުން ހާމަކޮށްފިއެވެ.

THE TRAVELLER AD

އިރާގު ސަރުކާރުގެ ތަރުޖަމާނު ހައިދަރް އަލް-އަބޫދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވަކި ޚާއްޞަ އަމާޒުތަކަކަށް ޑްރޯން ހަމަލާތަކެއް ދިނުމަށް މި ނެޓްވޯކުން ރާވަމުންދިޔަ ކަމަށާއި، ނަމަވެސް ސަލާމަތީ ބާރުތަކުގެ ހުޝިޔާރުކަމާއެކު އެ ހަމަލާ ވަނީ ހުއްޓުވާފައި ކަމަށެވެ.

މިކަން ހުއްޓުވުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނަކީ އިރާގުގެ ކައުންޓަރ-ޓެރަރިޒަމް އިދާރާއާއި ގައުމީ ޖާސޫސީ އިދާރާ ގުޅިގެން ހިންގި ކާމިޔާބު އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ސަލާމަތީ ބާރުތަކުން ވަނީ އެ ނެޓްވޯކުގެ ތެރެއަށް ވަދެގަނެ، އެ މީހުން ތިބި ތަންތަން ރޭޑުކޮށްފައެވެ. އަދި މި ރޭޑުތަކުގައި ނެޓްވޯކުގެ މެމްބަރުން ހައްޔަރުކުރުމުގެ އިތުރުން، އެމީހުންގެ އަތުގައި ހުރި ގިނަ އަދަދެއްގެ އާލާތްތަކާއި ޑްރޯންތައް ވަނީ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ވަނަވަރާއި، އެމީހުން ހަމަލާދޭން އަމާޒުހިފި ތަންތަނުގެ ތަފްސީލެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާދޭން ރާވާފައިމިވަނީ، އިރާގުގެ އުތުރުގެ ސަރަހައްދީ ސަރުކާރާއި ގަލްފުގެ ބައެއް ގައުމުތަކަށް ފަހަކަށް އައިސް ޑްރޯން ހަމަލާތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. މި ހަމަލާތަކަކީ އިރާގުގައި ހަރަކާތްތެރިވާ، އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން (މިލިޝިއާތަކުން) އިރާގުގެ ބިމުގައި ތިބެގެން ދެމުންދާ ހަމަލާތަކެއް ކަމަށް އެ ގައުމުތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މިއީ ސަރަހައްދީ މަޝްރަހުގައި އިރާގަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދާ މައްސަލައެކެވެ.

މިކަމާ ގުޅިގެން އިރާގުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފްގެ ތަރުޖަމާނު ސަބާހް އަލް-ނުއުމާން ހުކުރު ދުވަހު ވިދާޅުވީ، އަވަށްޓެރި އެއްވެސް ގައުމަކަށް ނުރައްކާކޮށް ހަމަލާދިނުމަށް އިރާގުގެ ބިން ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް އިރާގު ސަރުކާރުން ނުދޭނެ ކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ގައުމުން ބޭރަށް އަމާޒުކޮށް ހިންގާ މިފަދަ ޓެރަރިސްޓް އަމަލުތައް ހުއްޓުވުމަށް އިރާގުގެ ސަލާމަތީ ބާރުތަކުން ދެމިތިބޭނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC