logoEN
WAMCO TOP 1
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި

ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

7/8/2026, 2:46:52 PM

# ޔުނިސެފް

-

ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

THE TRAVELLER AD

މި ތަކެތި ހަދިޔާކުރުމަށް މިއަދު ޞިއްޙީ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. އަދި ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޞިއްޙަތާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޔުނިސެފުން ވެދެއްވި މި ދީލަތި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ މީސަލްސާއި ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މިއީ ދެ ފަރާތުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް ލިބުނު 28,000 ޑޯޒުގެ މީސަލްސް ރުބެއްލާ ވެކްސިނާއި އެއާ ގުޅޭ ސާމާނަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ލިބުނު އެންމެ ވަރުގަދަ ހަތިޔާރު" ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، މިހާތަނަށް ހިންގި ވެކްސިން ޕްރޮގްރާމްގެ ދަށުން 5,400 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މީސަލްސް ފެތުރުން ކޮންޓްރޯލް ކުރުމަށް ލެބޯޓްރީ ޓެސްޓްތައް އިތުރު ކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަންވެސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މީސަލްސްގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވަމުންނެވެ. އަދި މިކަމަކީ އަމިއްލަ ނަފްސާއި، އާއިލާ އަދި މުޖުތަމައުގެ ރައްކާތެރިކަމަށް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށްވެސް ޞިއްޙަތާއި ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

ޔުނިސެފުން ރާއްޖެއަށް މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި، ޞިއްޙީ ސާމާނު ހަދިޔާކުރައްވާފައިވާއިރު، ދާދިފަހުން އިންޑިއާ ސަރުކާރުންވެސް ވަނީ ރާއްޖެއަށް މީސަލްސް ރުބެއްލާ ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒާއާއި، ޞިއްޙީ ޚިދުމަތުގައި ބޭނުންކުރާ އެކި އާލާތްތައް ހަދިޔާކޮށްފައެވެ. އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ތަކެތީގެ ތެރޭގައި 20،000 ޑޯޒުގެ މީސަލްސް ވެކްސިންއާއި، 3 ޓަނުގެ ޞިއްޙީ އެކި އާލާތްތައް ހިމެނެއެވެ.

ރާއްޖެއިން ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް މިބައްޔަށް 121 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މިދިޔަ ހަފުތާގައި އެކަނިވެސް 55 މީހަކަށް މިބަލި ވަނީ ޖެހިފައެވެ. އެޗްޕީއޭއިން ބަލީގެ ކޮންޓެކްޓުން ހޯދާ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް އަންނަނީ މިހާރު ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5495 މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޮމެންޓް
ފަހުގެ
HDC