
އޭވިއޭޝަން ސެކިއުރިޓީގެ ބައިނަލްއަގުވާމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް ގައުމުތަކުގެ މަރުހަބާ!
# ރާއްޖެ - ސްރީލަންކާ-
ސްރީލަންކާގެ ނެގޮމްބޯގައި ދާދިފަހުން ކުރިއަށްދިޔަ "ކޯޕަރޭޓިވް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް – އޭޝިއާ ޕެސިފިކް" ސްޓިއަރިން ކޮމެޓީގެ 21 ވަނަ ބައްދަލުވުމުގައި އާއި، އެ ޕްރޮގްރާމްގެ ރީޖަނަލް އޭވިއޭޝަން ސެކިއުރިޓީ ކޯޑިނޭޝަން ފޯރަމްގެ 14 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުންތަކުގައި ދިފާއީ އަދި ވަތަނީ ޙިދުމަތާއި ބެހޭ ވުޒާރާގެ ޑައިރެކްޓޮރޭޓް އޮޓް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޗީފް އިންސްޕެކްޓަރ އަޙްމަދު ނަޝީދު އަދި އެސިސްޓަންޓް ކޮލިޓީ ކޮންޓްރޯލް އޮފިސަރ ފާޠިމަތު ސިރާޖާއެވެ. ޖޫން 23 އިން 26 އަށް ކުރިއަށްދިޔަ މި ބައްދަލުވުންތަކަކީ ސަރަހައްދީ ފެންވަރުގައި ވައިގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުންތަކެކެވެ.
ސްޓިއަރިން ކޮމެޓީގެ ބައްދަލުވުމުގައި، މަދަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ހާސިލުކުރުމުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އެގޮތުން ސަރަހައްދީ ފެންވަރުގައި މައުލޫމާތު އަވަހަށް ބަދަލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި، ދާއިރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ރޭވުމަށް ގައުމުތަކުން އެއްބަސްވިއެވެ. ހަމައެއާއެކު، ބޭއްވުނު ކޯޑިނޭޝަން ފޯރަމްގައި، ބަދަލުވަމުންދާ މަޝްރަހުގައި ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ކުރިމަތިވާ ޓެރަރިޒަމްގެ އައު ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުން ހަރުދަނާކުރުމަށާއި ވައިގެ ބަނދަރުތަކުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރެވުނެވެ.
މި ބައްދަލުވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ވަނީ އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމުގެ ގޮތުން ދެ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. ފުރަތަމަ ޕްރެޒެންޓޭޝަން ކަމަށްވާ "އޮޕަރޭޝަނަލް ރިސްކް ރެޖިސްޓަރ އިމްޕްލިމެންޓޭޝަން" ގައި، CASP-AP ގެ ސޮފްޓްވެއަރ ބޭނުންކުރުމުގައި ރާއްޖޭގެ ތަޖުރިބާއާއި، އެ ސޮފްޓްވެއަރ އިތުރަށް ފުރިހަމަކުރުމަށް ރާއްޖެއިން ހުށަހެޅި ބަދަލުތަކުގެ ސަބަބުން ލިބުނު ކުރިއެރުންތައް ހިއްސާކުރިއެވެ. އަދި ދެވަނަ ޕްރެޒެންޓޭޝަން ކަމަށްވާ "ކޮމްޕިއުޓަރ ބޭސްޑ ް ޓްރޭނިންގ ސިސްޓަމް" ގައި، އެކްސްރޭ މެޝިން އޮޕަރޭޓްކުރާ ސްކްރީނަރުން ތަމްރީނުކުރުމުގައި ސޮފްޓްވެއަރގެ މުހިންމުކަމާއި، އޭގެ އިމޭޖް ލައިބްރަރީ ތަރައްގީކުރުމަށް ރާއްޖެއިން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ފަރާތުން ހުށަހެޅި މި ހުށަހެޅުންތަކާއި ކުރި މަޝްވަރާތަކުގެ ސަބަބުން، 2033 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ "ގްލޯބަލް އޭވިއޭޝަން ސެކިއުރިޓީ ޕްލޭން" ގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކަށް ބައްދަލުވުމުގެ ބައިވެރިވި މެންބަރު ގައުމުތަކުން ވަނީ ނުހަނު ހޫނު މަރުހަބާއެއް ކިޔާފައެވެ. ރާއްޖޭގެ މަންދޫބުންގެ ވާހަކަފުޅުގައި، ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ޖަމްޢިއްޔާ (ICAO) އާއި CASP-AP ގެ އިތުރުން އެކުވެރި ގައުމުތަކުން ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ވަރުގަދަކުރުމަށް ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރިއެވެ.
ގުޅުންހުރި

އޭވިއޭޝަން ސެކިއުރިޓީގެ ބައިނަލްއަގުވާމީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް ގައުމުތަކުގެ މަރުހަބާ!

ލަންކާއަށް ދަތުރުކުރާ ދިވެހީން އީޓީއޭ ހޯދަން ޖެހޭ ގޮތަށް ހަދައިފި

ލަންކާ ހައި ކޮމިޝަންއިން ބްލަޑް ކޭމްޕެއް ބޭއްވުމަށް ނިންމައިފި




