
--
އަހަރެމެން ގިނަ ފަހަރަށް ފޯނާއި ސްކްރީންތަކުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ވިސްނާއިރު ސަމާލުކަން ދެވެނީ ނަފްސާނީ ދުޅަހެޔޮކަމަށެވެ.

ނަމަވެސް، ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ސްކްރީންތަކަށް ހުށަހެޅިފައި ހުންނަ ވަގުތު ގިނަވުމުގެ ސަބަބުން އިންސާނާގެ ޖިސްމާނީ ބައްޓަމަށާއި ސިއްހަތަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދެއެވެ.
ފޯނު ބަލާއިރު ބޯ ތިރިކޮށްގެން އިނުމުގެ ސަބަބުން ކަރަށް ގާތްގަނޑަކަށް 27 ކިލޯގެ ބަރުދަން ނުވަތަ ޕްރެޝަރު އާދެއެވެ. "ޓެކް ނެކް" ގެ ނަމުން ނަންދެވިފައިވާ މި އާދައިގެ ސަބަބުން ކަރުގެ ކަށިތަކާއި މަސްތަކަށް ގެއްލުންވެ، ފުއްޕާމެއަށްވެސް އެކަމުގެ އަސަރުކުރެއެވެ. އަދި ކަރު ތިރިކޮށްގެން ގިނައިރު އިނުމަކީ ކަރުގައި ރިންކަލްސް އުފެދުމަށް މަގުފަހިވާނެ ކަމެއް ކަމަށް ހަމުގެ ބަލިތަކުގެ ޑޮކްޓަރުން ބުނެއެވެ. މިކަމުން ސަލާމަތްވުމަށް ފޯނު ލޮލާ އެއްވަރަކަށް މައްޗަށް އުފުލައިގެން ގެންގުޅުން މުހިންމެވެ.
ރާއްޖޭގައި ވެސް މިހާރު ސްމާޓްވޮޗް އަޅާ މީހުން ވަރަށް ގިނައެވެ. ނަމަވެސް، ގަޑި އަބަދު އަޅައިގެން އުޅުމުން، ގަޑީގެ ދަށުގައި އުފެދޭ ތެތްކަމުގެ ސަބަބުން ހަމުގައި "ޔީސްޓް" ނުވަތަ ފަންގަސް އުފެދި ހަމުގެ ބަލިތަކަށް މަގުފަހިވެއެވެ. އެހެންކަމުން ގަޑި ދޭތެރެއަކުން ބާލައި، ހަންގަނޑު ސާފުކޮށް ހިއްކާލަން ޖެހެއެވެ.
ކައިރިން އެއްޗެހި ބެލުމަށްވުރެ ބޮޑަށް، ސްކްރީންތަކަށް ގެއްލިފައި ގޭތެރޭގައި ނުވަތަ އޮފީސްތަކުގެ ބަންދު މާހައުލުގައި ގިނައިރު ހޭދަކުރުމަކީ ކައިރި ނުފެންނަ ބަލި އިތުރުވާ މައިގަނޑު ސަބަބެކެވެ. ބޭރުގެ ގުދުރަތީ އަލިން ލޮލުގެ ރެޓިނާއިން "ޑޯޕަމީން" އުފައްދައިދޭއިރު، މިއީ ލޮލުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އެހެންކަމުން، ކޮންމެ ދުވަހަކު ވެސް ބޭރުތެރޭގެ ގުދުރަތީ މާހައުލުގައި ކޮންމެވެސް ވަގުތެއް ހޭދަކުރަން ސައިންސްވެރިން ލަފާދެއެވެ.
ކޮމްޕިއުޓަރު ކީބޯޑާއި ފޯނުގައި ހަމައެކަނި އިނގިލިތައް ހިންގާލުމުން، އަތްތިލައިން އެއްޗެހީގައި ހިފާ ބާރު ނުވަތަ "ގްރިޕް ސްޓްރެންގްތް" ދަނީ ދަށްވަމުންނެވެ. އަތުގެ ބާރަކީ އިންސާނާގެ މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން ދައްކައިދޭ މުހިންމު ނިޝާނެކެވެ. މީގެ އިތުރުން ޚާއްޞަކޮށް ކުޑަކުދިން ސްކްރީނަށް ދޭ ވަގުތު ގިނަވުމުން، އަމިއްލަ އަތުން ކުރާ ނާޒުކު މަސައްކަތްތައް ނުވަތަ ފައިން މޮޓަރ ސްކިލްސް ދަށްވެ، ވިސްނުމަށް އަސަރުކުރެއެވެ.
މިކަމުގެ ހައްލަކީ ޑިޖިޓަލް ނޫން، އަމިއްލަ އަތުން ކުރާ ކަންކަން ދިރިއުޅުމުގެ ތެރެއަށް ވެއްދުމެވެ. މިސާލަކަށް ކައްކާ ފިހުމާއި، އަތުން ލިޔުމާއި، ކުރެހުމާއި ނުވަތަ ޖިމަށް ގޮސް ކަސްރަތުކުރުން ފަދަ ކަންކަމުން ހަށިގަނޑުގެ ބާރާއި ހަރަކާތްތެރިކަން އަލުން ހޯދިދާނެއެވެ.






