
މަޝްރޫޢުތައް ސުންގަޑިއަށް ނިންމަން "ދުވެލި" އާއި "ޕިމްސް" ޕޯޓަލް އަދާހަމަކޮށް، ޚާއްޞަ ޔުނިޓްތަކެއް ހަދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި
# ކެބިނެޓް-
ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ގައުމީ މަޝްރޫޢުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމުގެ މަޤުޞަދުގައި ވަޒީރުންގެ މަޖިލީހުން ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ފިޔަވަޅުތައް ތަންފީޒުކުރަން ނިންމެވީ، މަޝްރޫޢުތައް ދިގުލައިގެން ދިއުން ހުއްޓުވައި ދައުލަތުގެ ހިންގުން ހަލުވިކުރުމަށެވެ.
މި ނިންމެވުމުގެ ދަށުން އެންމެ ފުރަތަމަ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ މަޝްރޫޢުތަކާއި ހަރަކާތްތައް މޮނިޓަރކޮށް ވިލަރެސްކުރާ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކުރުމެވެ. އެގޮތުން، ސަރުކާރުގެ ހުރިހާ ކަމެއް ބެލެހެއްޓުމަށް ބޭނުންކުރާ "ދުވެލި" ޕޯޓަލް އާއި، ފިނޭންސް މިނިސްޓްރީން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް" ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އެއްކޮށް އަދާހަމަކޮށް ނިންމުމަށް ވަނީ އަންގަވާފައެވެ.
އަދި އޭގެ ފަހުން ކޮންމެ ވުޒާރާއަކުންވެސް ވަގުތުން ވަގުތަށް އެ ޕޯޓަލްތަކަށް ފަހުގެ މައުލޫމާތުތައް އަދާހަމަކުރަމުން ގެންދިއުމަށް ވަނީ ލާޒިމުކޮށްފައެވެ.
މީގެ އިތުރުން، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެކިއެކި ވުޒާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ ދަތިތަކާއި ޓެކްނިކަލް މައްސަލަތައް ދެނެގަނެ، އެކަންކަމަށް ވަގުތުން ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި ޚާއްޞަ ޓީމެއް ގާއިމުކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ހަމައެއާއެކު، ކޮންމެ ވުޒާރާއެއްގައިވެސް މަޝްރޫޢުތައް ދުވަހުން ދުވަހަށް ސީދާ ބަލައި ވިލަރެސްކުރާނޭ ޚާއްޞަ "ޕްރޮޖެކްޓް މޮނިޓަރިންގ" ޔުނިޓެއް އަލަށް ގާއިމުކުރުމަށްވެސް ކެބިނެޓުން ވަނީ ފާސްކުރައްވާފައެވެ.
ސަރުކާރުގެ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު ހިއްސާއެއް އޮންނަ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައوސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތައް ތާރީޚުތަކަށް ނިންމުމަށްޓަކައި، އެ މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޚާއްޞަ ޕްލޭނެއްގެ ދަށުން މަސައްކަތްތަކެއް ކުރުމަށްވެސް ވަނީ ނިންމަވާފައެވެ.





