logoEN
WAMCO TOP 1
އޮޅުނީ "ޑިޖިޓަލް" ލަފުޒު:  ގެއްލުނީ ބިލުގެ މުހިންމުކަން, ފެށުނީ ބޮޑު ފުރައްސާރައެއް!

އޮޅުނީ "ޑިޖިޓަލް" ލަފުޒު: ގެއްލުނީ ބިލުގެ މުހިންމުކަން, ފެށުނީ ބޮޑު ފުރައްސާރައެއް!

# މުހައްމަދު އިބްރާހިމް ( ޖަނާބު )# ރައްޔިތުންގެ މަޖިލިސް# މޯލްޑިވްސް 2.0

-

މިއަދު ދިވެހިރާއްޖޭގައި މީސްމީޑިއާ ވެގެން ގޮސްފައިވަނީ އަނެކާގެ އަބުރާއި އިއްޒަތް ހަފުސްކޮށްލާ، ފުރައްސާރައިގެ ބިރުވެރި ޖަގަހައަކަށެވެ. ވަކީން ޚާއްޞަކޮށް "މީމްސް" ހެދުމާއި ސޯޝަލް މީޑިއާގެ މަޖާ ޓްރެންޑްތަކުގެ ނަމުގައި، ކޮންމެ އިންސާނަކަށްވެސް ދިމާވެދާނެ އާންމު ކުށަކަށް ނުވަތަ އަނގަޔަށް އަންނަ އޮޅުމަކަށް މުޅި ގައުމު އެކީގައި ބުލީކުރުން މިވަނީ އިންތިހާ ދަރަޖައަށް ގޮސްފައެވެ.

THE TRAVELLER AD

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާއާއި، ވަޒީރުން ފަދަ ސިޔާސީ އިސް ވެރިން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަފުޅުތަކުގެ ތެރެއިން ކިޔޭ ކުށް ލަފުޒެއް ނުވަތަ ބަހެއް، އެއީ އެބޭފުޅުންނަށް ގައުމީ ފެންވަރުގައި ފުރައްސާރަކުރުމަށް ލިބޭ ރަސްމީ ލައިސެންސެއް ކަމުގައި ގިނަ ބަޔަކު މިހާރު ދެކެއެވެ. ނަމަވެސް، އަމިއްލަ ނަފްސާ ސުވާލުކޮށްލަންޖެހެނީ، އާންމު ދިރިއުޅުމުގައި އަހަރެމެންގެ އަނގަޔަށް އަންނަ އޮޅުންތަކާއި ކިޔޭ ކުށްބަސްތަކުގައި ހިފައި ދަމައި، މުޅި މީސްމީޑިއާގައި އަހަރެމެން ބޭޒާރުކޮށްލައިފި ނަމަ ކުރެވޭނެ ހިތާމަވެރި އިހުސާސާ މެދުގައެވެ.

މިފަދަ ހިތާމަވެރި ފުރައްސާރައިގެ އެންމެ ފަހުގެ ޝިކާރައަކަށް ވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދެވެ. އާންމު ނަމުންނަމަ ޖަނާބުއެވެ. މަޖިލީހަށް މި ދައުރުގައި ހުށަހެޅި އެންމެ މުހިންމު އެއް ބިލް ކަމަށްވާ، ރާއްޖޭގެ ދެފުށް ފެންނަ ވެރިކަމާއި ޑިޖިޓަލް އިންގިލާބަށް މަގުފަހިކޮށްދޭ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލު" ގެ ބަހުސުގައި މެންބަރަށް ވަނީ "ޑިޖިޓަލް" މި ލަފުޒު ނުބައިކޮށް ކިޔިފައެވެ. މިއާއެކު، މުޅި ބިލުގެ މުހިންމުކަމާއި، ގައުމަށް އެއިން ލިބޭނެ ކުރިއެރުމާއި، މެންބަރު ދެއްކެވި ސީރިއަސް ވާހަކަތަކުގެ މައްޗަށް މީސްމީޑިއާގެ ސަމާލުކަން ހުއްޓުމުގެ ބަދަލުގައި، އެންމެންގެ އަމާޒަކަށްވީ އެ އޮޅުނު ލަފުޒަށް ޖޯކު ޖަހައި އޭނާގެ އަގުވައްޓާލުމެވެ.

ދިވެހިރާއްޖެ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ހާމަކަން ބޮޑު، ކޮރަޕްޝަނުން އެއްކިބާވެފައިވާ ގައުމަކަށް ހެދުމަށް ހުށަހެޅުނު ބިލެއްގެ ބަހުސް، ބައެއްގެ ފުރައްސާރައިގެ ސަބަބުން ކޮށިލަފުޒެއްގެ ސަކަރާތަކަށް ބަދަލުވެގެންދިއުމަކީ ގައުމީ ފެންވަރުގައި ވިސްނާލަންޖެހޭ ހިތާމަވެރި ކަމެކެވެ.

އިސްލާމީ ދައުލަތެއްގައި މިފަދަ އަމަލުތައް އާންމުވަމުންދާއިރު، މިއީ މާތްވެގެންވާ އިސްލާމްދީން ހަރުކަށި އިބާރާތުން ނަހީކުރައްވާފައިވާ ބޮޑު ފާފައެއްކަން ހަނދާންކުރަންޖެހެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި މުއުމިނުންނަށް އަމުރުކުރައްވާފައިވަނީ އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް ޖޯކު ނުޖެހުމަށާއި، ބަދުބަސްތަކުން ލަގަބުތައް ނުކިޔުމަށެވެ. މީހެއްގެ ސިފައަށް، ނުވަތަ ވާހަކަދެއްކުމުގައި އަންނަ އުނިކަމަކަށް ޖަހާ ކޮންމެ ޖޯކަކީ އަނެކާގެ އިންސާނީ ކަރާމާތް ނަގާލުން ކަމަށްވާއިރު، އިސްލާމްދީނުގައި ބާރުއަޅަނީ މީހުންގެ އުނިކަންކަން ފޮރުވައި، އަނެކާއަށް އިޙްތިރާމްކުރުމަށެވެ.

އަހަރެމެންނަށް މިއަދު މި ކުރެވެނީ މީހުން ބުލީކުރުން ފަދަ ނުރައްކާތެރި އިޖުތިމާއީ ބައްޔެއް "މަޖާ" ކަމަކަށް ހަދައިގެން އާންމުކުރުމެވެ. މީހަކަށް ކިޔޭ ކުށްބަހަކުން ހަދާލާ ކުޑަ މީމްއެއްގެ ސަބަބުން އެމީހެއްގެ ނަފްސާނީ ދުޅަހެޔޮކަމަށާއި، އާއިލާއަށް ކުރާނެ ފުން އަސަރުތަކަށް ވިސްނާލާ ދިވެހިން މިއަދު މަދެވެ. އެހެންކަމުން، ގައުމީ މުހިންމު ބިލުތަކާއި ކަންކަމުގައި ދައްކާ ފައިދާހުރި ވާހަކަތަކަށް ފާޑުކިޔުމުގެ ބަދަލުގައި، އިންސާނީ ސިކުނޑިއަށް ދިމާވާ ކުށްތަކަށް ފުރައްސާރަކުރުން ހުއްޓާލައި، މީސްމީޑިއާ އަކީ އެކަކު އަނެކަކަށް އިހުތިރާމްކުރާ، އަދި ދީނީ ހަމަތަކުގެ މަތީގައި ބޭނުންކުރާ ވަސީލަތަކަށް ހަދަން އެންމެން އަތްގުޅާލަން އެބަޖެހެއެވެ.

ކޮމެންޓް
ފަހުގެ
HDC