logoEN
WAMCO TOP 1
ދެ އަތޮޅެއް ފިޔަވައި މުޅި ރާއްޖެއިން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

ދެ އަތޮޅެއް ފިޔަވައި މުޅި ރާއްޖެއިން މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

އަހުމަދު ޝުރާއު

logo

6/24/2026, 9:16:41 AM

# ފިޝަރީޒް މިނިސްޓްރީ

-

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރި ސިނާޢަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރާއްޖޭގެ ދެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅަކުން އަގުހެޔޮކޮށް މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.

THE TRAVELLER AD

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ބައިނަލްއަޤްވާމީ މާކެޓުގައި ތެލުގެ އަގު މަތިވުމަކީ މަސްވެރިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ނަމަވެސް، މަސްވެރިން ކަނޑުތަކަށް ނެރުމަށާއި ސިނާޢަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ މަތިން، މަސްވެރި އުޅަނދުފަހަރަށް ޚާއްޞަކޮށްގެން ވަރަށް ހެޔޮ އަގުގައި ޑީސަލް ވިއްކުމުގެ އިންތިޒާމު މިހާރު ވަނީ މުޅި ރާއްޖޭގައި ފުޅާކުރެވިފައެވެ.

މިވަގުތު ރާއްޖޭގެ ދެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކުން ކޮންމެ ދުވަހަކުވެސް މި އަގުހެޔޮ ތެޔޮ ލިބެން ހުންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ކޮންމެ ދުވަހަކު ސީދާ ތެޔޮ ލިބުމުގެ އިންތިޒާމު މިވަގުތު ހަމަނުޖެހި އޮތީ މ. އަތޮޅާއި ލ. އަތޮޅުގައެވެ. އެހެންނަމަވެސް، އެ ދެ އަތޮޅަށްވެސް މިފްކޯގެ ބޯޓުފަހަރު ކައިރިކުރާ ވަގުތުތަކުގައި ބޯޓުތައް މެދުވެރިކޮށް މަސްވެރިންނަށް ކޮންމެސް ވަރަކަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތަކެއް ޤާއިމުކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ އެ ދެ އަތޮޅުގެ މަސްވެރިންނަށްވެސް އެހެން އަތޮޅުތަކެކޭ އެއްފަދައިން ކޮންމެ ދުވަހަކު ފަސޭހަކަމާއެކު އަގުހެޔޮ ތެޔޮ ލިބޭނެ ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށާއި، އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. ދުނިޔޭގެ ސިޔާސީ އަދި އިޤްތިޞާދީ ހާލަތު ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ދިވެހި މަސްވެރިންނަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދީ، މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ސަރުކާރުން ފުރިހަމައަށް ކަށަވަރުކޮށްދޭނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ތަކުރާރުކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC