
މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން އައިލެންޑް ރަނާސް އިން ދިފާއުކޮށްފި
# ދިިވެހި ކުޅިވަރު# މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕް މޯލްޑިވްސް 2026# މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްމާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2026 ގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމު.. ފޮޓޯ: ގާފު ސްޕޯޓްސް
މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބޭއްވި "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2026" ގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އައިލެންޑް ރަނާސް އިން ދިފާއުކޮށްފިއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދިއިރު، އެޓީމުން ވަނީ ޖުމްލަ 51 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 25 ރަން މެޑަލް، 18 ރިހި މެޑަލް، އަށް ލޯ މެޑަލް އެވެ. އަދި މިޑިވިޝަންގެ ދެވަނަ ހޯދީ ޖުމްލަ 43 މެޑަލާއި އެކު ސްރީލަންކާ އިންނެވެ. އެޓީމުން ވަނީ 21 ރަން މެޑަލް އާއި 16 ރިހި މެޑެލްގެ އިތުރުން ހޯ ލޯ މެޑަލް ހޯދާފައެވެ. އަދި ފިރިހެން ޑިވިޝަންގެ ތިންވަނަ ހޯދީ ޖުމްލަ 10 މެޑަލް ހޯދި އަނާކީ ސްޕޯޓްސް އިންނެވެ. އެޓީމުން ވަނީ ހަ ރަން މެޑަލާއި އެއް ރިހި މެޑަލްގެ އިތުރުން ތިން ލޯ މެޑަލް ހޯދާފައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެންޕިއަންކަން އައިލެންޑް ރަނާސް ހޯދިއިރު، އެޓީމުން ވަނީ ޖުމްލަ 46 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 24 ރަން މެޑަލް، 16 ރިހި މެޑަލް އަދި ހަ ލޯ މެޑަލް އެވެ. އަދި މިޑިވިޝަންގެ ދެވަނަ ހޯދީ ޖުމްލަ 33 މެޑަލާއި އެކު ރަނިންގމޯޑް އިންނެވެ. އެޓީމުން ވަނީ 14 ރަން މެޑަލް އާއި އަށް ރިހި މެޑެލްގެ އިތުރުން 11 ލޯ މެޑަލް ހޯދާފައެވެ. އަދި އަންހެން ޑިވިޝަންގެ ތިންވަނަ ހޯދީ ޖުމްލަ 15 މެޑަލް ހޯދި ސްރީލަންކާ އިންނެވެ. ލަންކާ ޓީމުން ވަނީ 10 ރަން މެޑަލްގެ އިތުރުން ފަސް ރިހި މެޑަލް ހޯދާފައެވެ.
07 މެއި 2026 އިން 09 މެއި 2026 ގެ ނިޔަލަށް މާލޭ ސިޓީ ކުޅިވަރު އެކުވެނި ސިތެޓިކް ޓްރެކުގައި ކުރިއަށްދިޔަ މިމުބާރާތް މިއަހަރު ހަތް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތި، 60 އަހަރުން މަތި އަދި 65 އަހަރުން އަހަރުން މަތީގެ އުމުރުފުރައެވެ.
މީގެ އިތުރުން މިމުބާރާތުގައި މިއަހަރު ބާއްވާފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 400 މީޓަރު، 800 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 4×400 މީޓަރު (ރިލޭ) 4×100 މީޓަރު (ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ.
ގުޅުންހުރި

މާސްޓާރސް އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން އައިލެންޑް ރަނާސް އިން ދިފާއުކޮށްފި




