
-
ރޯދަ މަހާއި ކުރިއަށް އޮތް ޕީކް ސީޒަނާއި ތައްޔާރުވުމުގެ ގޮތުން އއ މަތިވެރީގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި އެވެ.

މަތިވެރީގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަނީ ސްޓެލްކޯއިންނެވެ. އެކުންފުނީން މިއަދު ބުނީ އުކުޅަހުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރަމަޟާން މަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ރަށު އިންޖީނުގެއަށް ގެންދެވުނު 900 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް މިހާރު ކޮމިޝަންކޮށް، ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
މި އައު ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމާއިއެކު މަތިވެރީގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ 1650 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައިވާކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެޕޭސިޓީ އިތުރުވެގެން ދިޔުމާއިއެކު އެ ރަށުގެ ކަރަންޓުގެ ޚިދުމަތުގެ އިތުބާރުބޮޑުވެ، ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
ސްޓެލްކޯއިން ވަނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަލަށް ގެނައި ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަންވެސް ހާމަކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ސަބަބުން އެ ކުންފުނިން ރަށްރަށުގައި ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އިތުބާރު ބޮޑުވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައި އެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށީފައިވާއިރު މި މޫސުމުގައި އާއްމުގޮތެއްގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އެހެންކަމުން 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ގުޅުންހުރި

އިތުރު ޖެނެސެޓެއް ކޮމިޝަންކޮށް މަތިވެރީގެ ކަރަންޓު ކެޕޭސިޓީ އިތުރުކޮށްފި

ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސްޓެލްކޯއިން ފުރިހަމަކޮށްފި

ޕީކް ސީޒަނަށް މާލޭ ސަރަޙައްދުގައި އިތުރު 15 ޖެންސެޓު ބަހައްޓަނީ





