logoEN
Sto top
ކުޅިވަރުގައި ގައުމަށް ރީތި ނަން ހޯދައިދިނުމަށް ވަކި އުމުރެއް މުހިއްމެއްނޫން!

ކުޅިވަރުގައި ގައުމަށް ރީތި ނަން ހޯދައިދިނުމަށް ވަކި އުމުރެއް މުހިއްމެއްނޫން!

ހުސައިން އަހްމަދު

logo

11/12/2025, 1:30:26 PM

# މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް

-

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ނަސީރު އަބްދުالله ( މާސްޓަރ) އަކީ ވިޔަފާރީގެ އިތުރުން ކުޅިވަރުގެ ދަނޑުގައިވެސް މިހާރު ގިނަ ބަޔަކު ދަންނަ މަޝްހޫރު ނަމެކެވެ. އެގޮތުން ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ދިިގުދުވުންތަކުގައި ފާހަގަކޮށްލެވޭ މާސްޓަރ އަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައިވެސް ވާދަކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން އަންނަ ފަރާތެކެވެ.

Wamco

ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ޕެޓް މާސްޓަރ ގެ ވެރިޔާ، މާސްޓަރ ދުވުވުމުގެ ތެރެއަށް ވަދެފައިވަނީ މީގެ 8 އަހަރު ކުރިން 2017ވަނަ އަހަރުގައެވެ. މާސްޓަރގެ ދުވުމުގެ ކެރިއަރު ފެށުމުގެ އަސްލަކަށްވީ ކޮލެސްޓްރޯލް މަތިވެ، ޑޮކްޓަރުގެ ލަފާގެ މަތިން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ ގޮތުންނެވެ. 2022 ވަނަ އަހަރުން ފެށިގެން އައިލެންޑް ރަނާރސް އާއެކު މާސްޓަރސް އަންނަނީ ދިގު ދުވުމަށް ތަމްރީން ހަދަމުންނެވެ. އަދި ފާއިތުވެދިޔަ ފަސް އަހަރު ދުވަހު ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިގު ދުވުމުގެ ގިނަ މުބާރާތްތަކެއްގައި މާސްޓަރ ވަނީ ވާދަކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ތުރުކީގެ އެނަތޯލިޔާގައި ކުރިއަށްދިޔަ ފުލް މެރަތަން ގެ އިތުރުން، ޖަރުމަނުގެ ވެރިރަށް ބާރލިން، އަދި ނޯވޭގައި ކުރިއަށްދިޔަ ފުލް މެރަތަން އެވެ.

undefined

އުމުރުން 54 އަހަރުގެ މާސްޓަރގެ ދިގު ދުވުމުގެ ރެކޯޑަށް ބަލާއިރު، ފުލް މެރަތަން އެއް 3ގަޑި އިރާއި 30 މިނެޓުން ފުރިހަމަކޮށްފައިވާއިރު، ހާފް މެރަތަން އެއް އެންމެ އަވަހަށް ފުރިހަމަކޮށްފައިވަނީ، 1 ގަޑި އިރާއި 36 މިނެޓުންނެވެ. އަދި މިއަހަރުގެ ދިރާގު ރޯޑް ރޭހުގައި 5 ކިލޯމީޓަރުގެ ދުވުން އޭނާ ވަނީ 22 މިނެޓް 12 ސިކުންތުން ފުރިހަމަކޮށްފައެވެ. މިއީ މި އުމުރުފުރާއަށް ބަލާއިރު ރާއްޖޭގެ ނިސްބަތުންވެސް ވަރަށް ފާހަގަކޮށްލެވޭ ނަތީޖާއެކެވެ.

މި ކާމިޔާބީތަކާއެކު، މާސްޓަރގެ ދިގުދުވުމުގެ ކެރިއަރަށް ބޮޑު ބަދަލެއް އައީ، ދާދިފަހުން އިންޑިއާގެ، ޗެންނާއީގައި ބޭއްވި 23ވަނަ އޭޝިއަން މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ ތަމްސީލްކުރުމަށް ލިބުނު ފުރުސަތާއެކުގައެވެ. މިއާއެކު ބައިނަލްއަގުވާމީ ކުޅިވަރުގެ މައިދާނުގައި ގައުމަށް ރީތިނަން ހޯދައިދިނުމަކީ ވަކި އުމުރަކަަށް ހާއްސަ ކަމެއް ނޫންކަން މާސްޓަރ ވަނީ ސާބިތުކޮށްދީފައެވެ.

undefined

35 އަހަރުން މަތީގެ އެތުލީޓުންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ، އެންމެ ބޮޑު އެތުލެޓިކްސް މުބާރާތުގައި މިއަހަރު ޖުމްލަ 22 ގައުމަކުން 3312 އެތުލީޓަކު ވާދަކުރިއިރު، އޭގެތެރޭގައި އޮލިމްޕިކްސް އަދި ވޯލްޑް ޗެމްޕިއަންޝިޕުގައި ވާދަކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާކާރު އެތުލީޓުން މި މުބާރާތުގައި ވާދަކޮށްފައިވެއެވެ. އަދި 35، 40، 45، 50، 55، 60، 65، 70، 75، 80، 85، 90، 95، 100 ގެ އިތުރުން 105 އަހަރުން މަތީގެ އުމުރުފުރާގައި އެތުލީޓުން ވާދަކޮށްފައިވެއެވެ.

50 އަހަރުން މަތީގެ އުމުރުފުރާގައި1500މީޓަރު ދުވުމުގެ އިތުރުން 5000 މީޓަރު އަދި 10ކިލޯމީޓަރު ދުވުމުގައި ވާދަކޮށް މާސްޓަރ ވަނީ މިއޮއް ބިޔަބޮޑު އޭޝިއާގެ ތަޖުރިބާކާރު ދުވުންތެރިންނާ ދެކޮޅަށް ދިވެހީން ފަހުރުވެރިވާފަދަ ފުރިހަމަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 45 އެތުލީޓުން ބައިވެރިވި 1500މީޓަރުގެ ދުވުމުގައި އެންމެ ރަނގަޅު ނަތީޖާއެއް ނުހޯދުނު ނަމަވެސް 49 އެތުލީޓުންނާ ވާދަކޮށް 5000 މީޓަރު ދުވުން 22 މިނެޓް 26 ސިކުންތުން ފުރިހަމަކޮށްފައިވެއެވެ.

މީގެ އިތުރުން 10 ކިލޯމީޓަރު ދުވުމުގައި 67 އެތުލީޓުންނާ ވާދަކޮށް 44 މިނެޓް 59 ސިކުންތާއެކު 17ވަނަ އަށް ރޭސް ފުރިހަމަކުރިއިރު މިއީ 10 ކިލޯމީޓަރުގެ ދުވުމުގައި މާސްޓަރގެ އައު ރެކޯޑެކެވެ. މީގެ ކުރިން 10 ކިލޯމީޓަރުގެ ދުވުމެއް މާސްޓަރ އަށް އެންމެ އަވަހަށް ފުރިހަމަކުރެވިފައި ވަނީ 48 މިނެޓުންނެވެ.

މި މުބާރާތަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން މާސްޓަރ ބުނީ، ރޯޑްރޭސްތަކާއި، ޓްރެކް އިވެންޓްތަކުގައި ހުރި ތަފާތު މި މުބާރާތުން ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

"މީގެ ކުރިން ތަމްރީން ހަދަމުން އައީ ރޯޑް ރޭސް ތަަކަށް ހާއްސަކޮށްގެން. އެހެންވެ ޓްރެކްގައި ދުވަން އުދަނގޫވި. އަސްލު (މި މުބާރާތުގެ) ނަތީޖާތަކާމެދު ހިތްހަމަޖެހޭ. ހާއްސަކޮށް 10 ކޭ ގައި ވަރަށް ރަނގަޅު ކާމިޔާބެއް މިލިބުނީ. މިއީ މިހާތަނަށް އެންމެ ބާރު ޓައިމިންގ. އަދި 5000 މީޓަރުގެ ނަތީޖާ ގޯހެއް ނޫން. އަސްލު 5000 މީޓަރު ދުވުން ހެނދުނު ފަށާގޮތަށް ފުރަތަމަ ތާވަލުކޮށްފައި އޮތީ. އެކަމަކު އިވެންޓްތައް ލަސްވެ 8 ގަޑިއެއްހާއިރު ޓްރެކްގައި (އިވެންޓް ނުފެށި) މަޑުކުރަން ޖެހުނު. އެހެންނަމަވެސް މެންދުރު ގަދަ ހޫނުގައިވެސް 22 މިނެޓުން ރޭސް ފުރިހަމަކުރެވުމުން ވަރަށް ހިތްހަމަޖެހޭ. މި އިވެންޓްތަކަކީ ރަނގަޅަށް ތައްޔާރުވެވިއްޖެ ނަމަ މެޑަލް ހޯދޭނެ އިވެންޓްތަކެއް." - މާސްޓަރ

މީގެ އިތުރުން މާސްޓަރ ވަނީ، މިފަދަ ފުރުސަތު ހޯދައިދިންކަމަށްޓަކައި ރާއްޖޭގެ މާސްޓަރސް އެތުލެޓިކްސްގެ ރައީސް އަލީ ރައީފް (ޝަވަރުމާ)ގެ އިތުރުން މާސްޓަރސް އެތުލެޓިކްސްގެ އެކްސްކޯ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި ދުވުމުގައި އައިލެންޑް ރަނާސްގެ ކޯޗު ނަސްރުالله އަހުމަދު (ނަސްރު ކޯޗު) ގެ ފަރާތުން ލިބެމުންދާ އެހީތެރިކަންވެސް މާސްޓަރ ވަނީ ފާހަގަކޮށްފައެވެ. އަދި މާސްޓަރ ގަބޫލު ކުރާގޮތުގައި، ރާއްޖޭގެ ކުޅިވަރުގެ ބެލެނެވެރި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިއްޖެ ނަމަ، މި މުބާރާތަކީ ދިވެހިރާއްޖެއަށް އޭޝިއާގެ އެންމެ މަތީ ފެންވަރުގައި ސައިޒުގެގޮތުން ބޮޑެތި ގައުމުތަކާ އެއްހަމައެއްގައި ވާދަކޮށްލެވޭނެ ފަދަ މުބާރާތެކެވެ.

undefined

2025 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް މާސްޓަރސް އެތުލެޓިކްސް މުބާރާތެއް ބާއްވާފައިވާއިރު، ރާއްޖޭގެ މާސްޓަރސް އެތުލެޓިކްސް ޓީމެއް ވަނީ މިއަހަރު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވުނު އެގައުމުގެ ނޭޝަނަލް މާސްޓަރސް ޗެމްޕިއަންޝިޕުގައި ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި އެމުބާރާތުގައި ރާއްޖޭގެ މާސްޓަރސް ޓީމުގެ ނާފިޒާ މުހައްމަދު (ނާފީ) ވަނީ، ރާއްޖެއަށް ފުރަތަމަ ފަހަރަށް އެތުލެޓިކްސްގެ އިންޑިވިޖުއަލް އިވެންޓަކުން ގޯލްޑް މެޑަލް ހޯދި ފުރަތަމަ އަންހެން އެތްލީޓްގެ ޝަރަފް ހޯދާފައެވެ.

undefined

މި ފަހުރުވެރި ކާމިޔާބީ ރާއްޖޭގެ ކުޅިވަރުގެ އާއިލާގެ ބެލެނެވެރިފާރާތްތަކުގެ ސަމާލުކަން ލިބިފައިނުވާއިރު، ނިމިދިޔަ އޭޝިއަން މާސްޓަރސް މުބާރާތުގައި ރާއްޖޭގެ ޓީމު ހޯދި ދެ މެޑަލްވެސް ހޯދައިދީފައިވަނީ އަންހެން އެތުލީޓަކުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ މުޅި އޭޝިއާއަށް ހުޅުވާލެވިގެން ބޭއްވި އެންމެ މަތީ ފެންވަރުގެ އެތުލެޓިކްސް މުބާރާތަކުން ރާއްޖޭގެ އެތުލީޓަކު މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

undefined

ރާއްޖޭގެ މާސްޓަރސް ޓީމުން މި ހޯދި މިފަހުރުވެރި ކާމިޔާބީތައް ކުޅިވަރުގެ ބެލެނެވެރި ފަރާތްތަކުން ފާހަގަނުކުރިނަމަވެސް، ހަމަޔަގީނުންވެސް މެޑަލް ސެރެމަނީގައި ވިހުރާލީ ހަމަ ދިވެހި ދިދަ އެވެ. މިއީ ހަމަ ކޮންމެ ދިވެއްސަކަށްވެސް ލިބިގެންދިޔަ ފަހުރެއްކަން ޔަގީނެވެ. ކުޅިވަރުގެ މައިދާނުގައި ޖޫނިއަރ ގައުމީ ޓީމު ތަކާއި، ސީނިއަރ ގައުމީ ޓީމުތަކުގެ އިތުރުން މާސްޓަރސް ގައުމީ ޓީމުތައްވެސް ތަމްސީލް ކުރަނީ ހަމަ ދިވެހިރާއްޖެ އެވެ. އެންމެންވެސް ދާ އޮހޮރައިލަނީ ގައުމަށް ރީތި ނަމާއި ޝަރަފު ހޯދައި ދިނުމަށްޓަކައެވެ. ކުޅިވަރުގެ މައިދާނުގައި ގައުމަށް ރީތި ނަން ހޯދައިދިނުމުގައި ވަކި އުމުރެއް މުހިއްމެއް ނޫނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC