logoEN
Sto top
ކުލަބު ލޯތަރި އަތުން ބަލިވެ ގަބުރު އެފްސީ މުބާރާތުން ކަޓައިިފި

ކުލަބު ލޯތަރި އަތުން ބަލިވެ ގަބުރު އެފްސީ މުބާރާތުން ކަޓައިިފި

ހަސަން ޝަމްއޫން

logo

3/17/2025, 3:54:23 PM

# މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025# ދިވެހި ކުޅިވަރު

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ކުލަބު ލޯތަރީގެ މުހައްމަދު ޒާލިފް ޒާހިރު(ކ)

މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ސީގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ކުލަބު ލޯތަރި އަތުން ބަލިވެ ގަބުރު އެފްސީ މުބާރާތުން ކަޓައިފިއެވެ.

Wamco

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުލަބު ލޯތަރިން ކުޅުނު ފުރަތަމަ މެޗުގައި އަމިގޯސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 4-0 ގެ ނަތީޖާއަކުން ވިކިންގްސް ބަލިކޮށްފައެވެ. އަދި ގުރޫޕް ސްޓޭޖުގައި ގަބުރު އެފްސީ ކުޅުނު ފުރަތަމަ މެޗުގައި ވިކިންގްސް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވިއިރު، އަމިގޯސް އާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު ވެސް ނިމިފައި ވަނީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަަމަ ހާފުގައި ކުލަބު ލޯތަރިން ކާމިޔާބުކުރިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޒާލިފް ޒާހިރު އެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ކުލަބު ލޯތަރި ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ލޯތަރީގެ މުހައްމަދު ޒާލިފް ޒާހިރު އެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ކުލަބު ލޯތަރިއަށް ހަތް ޕޮއިންޓް އިބިފައިވާއިރު، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ ކުއާޓާ ފައިނަލް ޔަގީންކޮށްފައެވެ. އަދި މިމެޗުން ބަލިވި ގަބުރު އެފްސީ އިން ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ލިބުނު ދެ ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެގެންނެވެ.

6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ވަނީ ލިބިފައެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside