
ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ޗެންޕިއަންކަން ގޮޅިން ހޯދައިފި
# ދިވެހި ކުޅިވަރު # ކުޑަހުވަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް 2025ގޮޅީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނޫ...ފޮޓޯ: ކުޑަހުވަދޫ ކައުންސިލް
މިހާރު ކުރިއަށްދާ ކުޑަހުވަދޫ ކައުންސިލް ވޯލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަން ފައިނަލުގައި ހޯމަ ދުވަހުގެ ރޭ ޓްރިޕަލް ވެއާ އާއި ގޮޅި ކުޅުނު މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ގޮޅިން ހޯދައިފިއެވެ.

މުބާރާތުގައި ފައިނަލުން ގޮޅި ޖާގަހޯދީ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކު ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޓްރިޕަލް ވެއާ ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ތިން މެޗުން ހޯދި ފަސް ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި މިދެޓީމު ލީގުބުރުގައި ވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ގޮޅިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުން ގޮޅި ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 17-25 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ފޯރިގަފަ ކުޅުމެއް ފެނިގެންދިޔައިރު، ޓްރިޕަލް ވެއާ އިން ވަނީ ހަ ޕޮއިންޓްގެ ލީޑަކާއެކު 14-20 ގެ ނަތީޖާއަކުން ގޮޅި ލީޑުކުރަމުންދަނިކޮށް ފަހަތުން އަރައި ނަތީޖާ އެއްވަރުކޮށް ދެ ޕޮއިންޓްގެ ލީޑެއް ވެސް ހޯދާފައެވެ. ނަމަވެސް ގޮޅިން ވަނީ ފަހުވަގުތު ކުޅުން ރަނގަޅުކޮށް 23-25 ގެ ނަތީޖާއަކުން ސެޓް ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮޅީގެ ހައްވާ ރާޝިދާ އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ހައްވާ ރާޝިދާ (ޓީމު ގޮޅި)، އާމިނަތު އަރީޝާ (ޓީމު ގޮޅި)، ފާތުމަތު ސީނާ އަބްދުއް ރަޝީދު (ޓީމު ގޮޅ)، މާޔާ ހުސެއިން ސޮލާހް (ޓްރިޕަލް ވެއާ)، ފާތިމަތު ޖޫޒަން ޒަރީރު (ޓްރިޕަލް ވެއާ) އަދި ފާތުމަތު ތޮހޫރާ (ދާލު ބުލޫސް) އެވެ. އަދި މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގޮޅީގެ އާމިނަތު އަރީޝާ އެވެ.
11 މާރިޗު 25 އިން 17 މާރިޗު 25 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު ހަތަރު ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

ކުލަބު ލޯތަރި އަތުން ބަލިވެ ގަބުރު އެފްސީ މުބާރާތުން ކަޓައިިފި

ސްކަވެންޖާސް ބަލިކޮށް ގުރޫޕްގެ އެއްވަނަ މައިލޯ ސިޓީން ކަށަވަރުކޮށްފި
