
ފުރަޔަމަ ހާފުގައި މުފީދު ކާމިޔާބުކުރި ލަނޑާއެކު އާކް އިން ސްކަވެންޖާސް ބަލިކޮށްފި
# ދިވެހި ކުޅިވަރު # މަރަދޫ ސްޓްރީޓް ސޮކާ ޗެލެންޖް 2025މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އާކްގެ ހަސަން މުފީދު
މިހާރު ކުރިއަށްދާ "މަރަދޫ ސްޓްރީޓް ޗެލެންޖް 2025" ގުރޫޕް ޑީގައި ބްރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެވަނަ މެޗުގައި ސްކަވެންޖާސް އާއި އައްޑޫ އެއަރޕޯޓް ރެކްރިއޭޝަން ކުލަބު (އާކް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާކް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އާކް ކުޅުނު ފުރަތަމަ މެޗުގައި މައިލޯ ސިޓީއާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ސްކަވެންޖާސްގެ ފުރަތަމަ މެޗުގައި ފުރެންޑްސް ކުލަބު އަތުން އެޓީމު ވެސް ބަލިވީ 1-0 ގެ ނަތީޖާއަކުން ނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަަމަ ހާފުގައި އާކް އިން ކާމިޔާބުކުރިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން މުފީދު އެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އާކް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާކްގެ ހަސަން މުފީދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އާކަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސްކަވެންޖާސް ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ. އަދި ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
6 މާރިޗު 2025 އިން 24 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ 16 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެ އެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރ އަކަށް ނައިން ސިކްސްޓީން އިންވެސްޓްމަންޓް ހަމަޖައްސާފައިވާއިރު، ކޯސްޕޮންސަރުންގެ ގޮތުގައި ނަޔާ ސެލޫން، އައި . އެން ޑެއިލީ ރޫމް އަދި އެމްޖީއެޗް އައިލެންޑް ޓްރާންސްޕޯޓް ޕްރައިވެޓް ލިމިޓެޑް ވާނީ ހަމަޖައްސާފައެވެ. އަދި މުބާރާތުގެ އޮފިޝަލް ޖާޒީ ޕާޓްނަރަކަށް މަލްހީ އެމްވީ ހަމަޖައްސާފައިވާއިރު، އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކީއެމްވީ އެވެ. އަދި އޮފިޝަލް މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ހުޅު އަތުން ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ޒެފާރސްއަށް

ސީދާ ދެ ސެޓުން ސަދަން ބަލިކޮށް ގުރޫޕްގެ އެއްވަނަ ކުޑަހުވަދޫ އިން ކަށަވަރުކޮށްފި

ފަސޭހަކަމާއެކު ވައްޓަފާޅި ބަލިކޮށް ގްރީން ސްޓްރީޓް އިން މުބާރާތް ނިންމާލީ މޮޅަކާއެކު
