
އަސްޕާ އަތުން ބަލިވެ ސްޓާރ މުބާރާތުން ކަޓައިފި
# ދިވެހި ކުޅިވަރު # ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025އަސްޕާ އާއި ސްޓާރ ވާދަކުރި މެޗުގެ ތެރެއިން...
މިހާރު ކުރިއަށްދާ ގާފު ބޮންތި ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025 ފިރިހެން ޑިވިޝަން ގުރޫޕް ބީގައި ބުދަ ދުވަހުގެ ރޭ ކުޅުނު ތިންވަނަ މެޗުގައި ސޮސައިޓީ ފޯ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ސްޓަރ) އާއި އާޖީލަކަށް ސްޕޯޓްސް ޕާފޯމެންސް އެކަޑަމީ (އަސްޕާ) ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އަސްޕާ އިން މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި އަސްޕާ ކުޅުނު ފުރަތަމަ މެޗުގައި ކުޑަހުވަދޫ ސްޕޯޓްސް ކުލަބު އަތުން ސީދާ ދެ ސެޓުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ ސަދަން ސްޕޯޓްސް ކުލަބު ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އަދި ސްޓާގެ ފުރަތަމަ މެޗުގައި ސަދަން ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ކުޑަހުވަދޫ އަތުން ސީދާ ދެ ސެޓުން އެޓީމު ވަނީ ބަލިވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 8-14 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަސްޕާ އިންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް އަސްޕާ އިން ކާމިޔާބުކުރީ ދެ ޕޮއިންޓްގެ ލީޑަކާއެކު 14-16 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަސްޕާގެ އަހުމަދު އުމޭސް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އަސްޕާއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސްޓާރ އިން މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
7 މެއި 2025 އިން 15 މެއި 2025 ގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީފައިނަލަށް ހޮވޭގޮތަށެވެ.
ޗެންޕިއަން ޓީމަށް 8،000 އަދި ރަނަރަޕް ޓީމަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ގާފު އެވެ. މީގެ އިތުރުން މިމުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި މެމީ މޯލްޑިވްސް، ހޭންޑްބޯޅަ ނޭޝަން، ގަނޑުވަރު މޮބައިލް، އެޗްޑީސީ، އެޑިޓް ފެބްރިކޭޝަން އަދި މޮރޯ މޯލްޑިވްސް ހިމެނޭއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ހުޅު އަތުން ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ޒެފިއަރސްއަށް

ސީދާ ދެ ސެޓުން ސަދަން ބަލިކޮށް ގުރޫޕްގެ އެއްވަނަ ކުޑަހުވަދޫ އިން ކަށަވަރުކޮށްފި

ފަސޭހަކަމާއެކު ވައްޓަފާޅި ބަލިކޮށް ގްރީން ސްޓްރީޓް އިން މުބާރާތް ނިންމާލީ މޮޅަކާއެކު
