
ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރުމަށް, ނަރީޝް ސިޓީ ކައުންސިލުން އިސްތިއުފާދެއްވައިފި
# މާލެ ސިޓީ ކައުންސިލް--
ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރުމަށް ފުރުސަތު ލިބުމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސިޓީ ކައުންސިލުން މިއަދުއިސްތިއުފާދެއްވައިފި އެވެ.

ނަރީޝް އިސްތިއުފާދެއްވައި އިސްތިއުފާގެ ސިޓީ މިއަދު އެކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަށް ވަނީ ފޮނުއްވާފައި އެވެ. އަދި އެ ސިޓީގެ ކޮޕީއެއް މީސް މީޑީއާގައި ނަރީޝް ވަނީ އާންމުކުރައްވާފައި އެވެ.
އެގޮތުން އެ ސިޓީގައި ނަރީޝް ވަނީ މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށާއި، ކެމްޕޭނުގައި އެހީތެރިވި އެންމެންނަށް ޝުކުރު ދަންނަވައިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކައުންސިލުގައި ހޭދަކުރި މުއްދަތަކީ ވަޒީފާ އާއި މަސައްކަތުގެ ދާއިރާގައި، އޭނާ ހޭދަކުރި އެންމެ އުފާވެރި ދުވަސްވަރުކަން ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ ކައުންސިލުގައި ހޭދަކުރެއްވި މުއްދަތުގައި ދަސްވި ފިލާވަޅުތަކަކީ ކުރިއަށް އޮތް ތަނުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެންދާނެ އިތުރު ހަކަތައެއް ކަމަށެވެ.
ނަރީޝް އިތުރުަށް ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރަކަށް މަސައްކަތް ކުރެއްވުމަކީ އެކި ދާއިރާތަކުން ތަފާތު ތަޖުރިބާތައް ކުރެވި ޝަހްސިއްޔަތު ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި ހާއްސަކޮށް ރައީސް މުއިއްޒު ސިފަވަނީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކުވެސް މަސައްކަތް ކުރުމުގެ ގާބިލުކަން ހުރިކަން އަމަލުފުޅުން ސާބިތު ކޮށްދެއްވާ ރީތި ނަމޫނާ ދައްކަވައި މާލެ ސިޓީއަށް އަވަސް ހެޔޮ ބަދަލުތަކެއް ގެންނެވި ލީޑަރެއްގެ ގޮތުގައި ކަމަށް ނަރީޝް ވިދާޅުވިއެވެ.
ހަމައެއާއެކު ރައީސް މުއިއްޒުގެ އަރިހުންނާއި މޭޔަރު އާދަމް އާޒިމްގެ އަރިހުން ދަސްވި ފިލާވަޅުތަކަށްޓަކައި ނަރީޝް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ނަރީޝް މި ސިޓީއާއިއެކު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމާ ގުޅިގެން ކަމަށެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ދޭގޮތުގައި މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ނަރީޝް ސަރުކާރުގެ އިސް މަގާމަކަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އިސް މަގާމަކަށް އައްޔަނުކުރުމަށް ވަނީ ނިންމާފައި އެވެ.
ގުޅުންހުރި

ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް އިތުރު ދެ ޕަމްޕް ގެނައުމަށް ނިންމައިފި

ވިލިމާލޭގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ފަށައިފި

ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރުމަށް, ނަރީޝް ސިޓީ ކައުންސިލުން އިސްތިއުފާދެއްވައިފި
