logoEN
Sto top
 ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު އިހްތިޖާޖުކޮށްފި

ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު އިހްތިޖާޖުކޮށްފި

ހަސަން ޝާއިން

logo

2/8/2025, 6:21:26 PM

# ގއ.ވިލިނގިލި

ގއ.ވިލިގިލީގައި ކުރިއަށްދިޔަ ސުލްހަވެރި މުޒާހަރާގެ ތެރެއިން.

ގއ. އަތޮޅު ހޮސްޕިޓަލްގެ އިހުމާލުން ނިޔާވި ދެމައިން ނިޔާވި މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލައި ގއ. ވިލިނގިލީގައި މިއަދު ހަވީރު ސުލްހަވެރި އިހްތިޖާޖުކޮށްފިއެވެ.

Wamco

"ގއ. ރައްޔިތުންނަށް ހައްގުވާ ސިއްހީ މިންވަރަކީ މިއީތޯ؟" ގެ ނަމުގައި ވިލިނގިލީގައި ބޭއްވި އިހުތިޖާޖުގައި ކަންބޮޑުވުން ފާޅުކުރީ އެ ރަށު ޝިއުނާ ތައުފީގާއި އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލައިގަ އެވެ.

މީގެ އިތުރުން މި އިހުޖާޖުގައި ޝިއުނާގެ ފިރިމިހާ ޝިފާޒު ޒާހިރު ވަނީ އެ ރޭ ކަން ހިނގައިދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފަ އެވެ.

ޝިފާޒު ކިޔައިދިންގޮތުގައި، އެ ދެމައިން ނިޔާވީ ސިޒޭރިއަނަށް ފަހު ހާލު ގޯސްވެ، އެ މީހުން މާލެ ނުގެނެވި ފަރުވާ ލިބުން ލަސްވުމުގެ ސަބަބުންނެވެ. އަދި ޝިއުނާ ނިޔާވީ މާލެ ގެންނަން ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގައި ތިއްބަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.

މީގެ އިތުރުން މިއިހުތިޖާޖުގައި ވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި އެންއައިސީޔޫ ގާއިމުކުރުމުގެ އިތުރުން ވިލިނގިލީ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ހަރުދަނާ ޑޮކްޓަރުން ގެނެސް، ތަނުގެ ހިދުމަތް ރަނގަޅު ކޮށްދިނުމަށް އެދި ގޮވާލާފައެވެ.

"މަ ބޭނުމީ މަގޭ އަނބިމީހާގެ ހައްގުގައި މި ތަނަށް [ހޮސްޕިޓަލަށް] ރަނގަޅު ގޮތެއް ވުން. ކުޑަކުދިންގެ ޑޮކްޓަރުން ވެސް މިތާ ތިބެން އެބަ ޖެހޭ. މިއީ އާދައިގެ ކަމެއް ނޫން. މަގޭ ހިތުގައި އަޅާ ވޭނާއި މަގޭ ރޯ ރުއިން އެނގޭނެ މީހަކު ނެތް،" އިހުތިޖާޖުގައި ވާހަކަ ދައްކަމުން ޝިއުނާގެ ފިރިމީހާ އަސަރާ އެކު ބުންޏެވެ.

އަންހެނުންނާއި ދަރިފުޅަށް ދިމާވި ހާލަތު އިތުރު މީހަކަށް ދިމާވާން ބޭނުން ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ މައްސަލަ ބަލައި އިހުމާލުވި އެންމެންނަށް ފިޔަވަޅު އަޅައި، ދައުވާ ކޮށްދިނުމަށް ޝިއުނާގެ ފިރިމީހާ ވަނީ އެދިފައެވެ.

މީގެ ކުރިން ވެސް "ވިލިނގިލީގައި މި ހުރި ހޮސްޕިޓަލުގައި ތަފާތު އެކި ވެރިކަމުގައި ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފައި. ކޮންމެ ވެރިކަމެއްގައި ވެސް އަޅުގަނޑުމެންނަށް އެ އަންނަ ބަޔަކު ދައްކަނީ އުއްމީދުތަކެއް. ގއ. އަތޮޅު ހޮސްޕިޓަލު މިހާރު ހުރި ހާލަތުން ބަދަލުވާންޖެހޭ. އިއްުޔެ ހިނގައިދިޔަ ހާދިސާ ދެވަނަ މީހަކަށް ތަކުރާރުވިޔަ ނުދޭން،" އިހުތިޖާޖުގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.

އެ މައްސަލާގައި ހެލްތު މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެ، ހިތާމަކުރާ ކަމަށެވެ. އެކަން ހިނގައިދިޔަ ގޮތުގެ ރިވިއުއެއް ހަދަމުން އަންނަ ކަމަށާއި އޭގައި ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް އަދި ފުންކޮށް ބަލައި، ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި ދެމައިން ނިޔާވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގަން ވެސް ފުލުހުންނަށް ވަނީ އަންގަވައިފަ އެވެ.

އެ މަރާ ގުޅިގެން ޝިއުނާގެ އެކުވެރިއަކު ކުރިން "މިހާރު" އަށް ބުނި ގޮތުގައި ޝިއުނާގެ ހާލު ސީރިއަސް ވަމުންދާތީ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނަގަން، އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ފަހުން ނިންމި އެވެ. ރަށުގައި އެ ވަގުތު ކުޑަކުދިންގެ ޑޮކްޓަރެއް ނެތުމުން ސިޒޭރިއަން ހެދީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ކުޑަކުދިންގެ ޑޮކްޓަރެއް ގެންގޮސްގެންނެވެ.

"އެ ހުރިހާ އިރު އެ މީހުން ކީ ފްލައިޓު އެބަ އާދެއޭ، އާސަންދަ ހަމަޖެހިއްޖެއޭ، ފްލައިޓު އަންނަނީއޭ، ފްލައިޓު އަންނަނީއޭ. އޭނާ ހަމަ ވެއްދި ހިސާބުން (އިއްޔެ ހަވީރު) 4 ޖެހިއިރުން ފެށިގެން މުޅިން އެހެން ކީ،"

އެއާ އެމްބިއުލާންސް ގެންދަން ފުރަތަމަ ހަމަޖެއްސީ އެ ރޭ 7:00 ހާއިރެވެ. ނަމަވެސް، ބަލި މީހާގެ ހާލަތު ސްޓޭބަލް ކަމަށް މައުލޫމާތު ދިނުމުން އެ ދަތުރު ފަހުން ކެންސަލްކުރީ އެވެ. އެކަމަކު، ހާލަތު ގޯސްވާން ފެށުމުން ފަހުން އެމްބިއުލާންސް ގެންދިޔައީ އެވެ.

މީގެ ކުރިން ވަނީ އެ ހޮސްޕިޓަލާ ގުޅޭ އެފަދަ އެހެން މައްސަލައެއް ވެސް މިދިޔަ އަހަރު ވަރަށް ފެންމަތިވި އެވެ. އިތުރު ފަރުވާއަށް މާލެ ގެނައުން ލަސްވުމުން ޖެނުއަރީ 20، 2024 ގައި ނިޔާވީ 13 އަހަރުގެ ފިރިހެން ކުއްޖެކެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside