ވައްޓަފާޅި ބަލިކޮށް ގުރޫޕްގެ އެއްވަނަ ބޮންތި ސްޕޯޓްސް ކުލަބުން ކަށަވަރުކޮށްފި
ހަސަން ޝަމްއޫން
1/22/2025, 9:15:00 PM
ފުލައިން އީގަލް އާއި ބޮންތި ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ގުރޫޕް ތިނެއްގައި މިރޭ ވައްޓަފާޅި ސްޕޯޓްސް ކުލަބާއި ބޮންތި ސްޕޯޓްސް ކުލަބު ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ބޮންތިން ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބޮންތި ކުޅުނު ފުރަތަމަ މެޗުގައި ސީދާ ދެ ސެޓުން ފްލައިން އީގަލް ސްޕޯޓްސް ކުލަބު އަތުން އެޓީމު މޮޅުވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ވައްޓަފާޅި ކުޅުނު ފުރަތަމަ މެޗުގައި ފުލައިން އީގަލް އަތުން އެޓީމު ބަލިވީ ސީދާ ދެ ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް 12-13 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޮންތި ސްޕޯޓްސް ކުލަބުންނެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ބޮންތިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ ހަތަރު ލަނޑުގެ ލީޑަކާއެކު 15-19 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާދަމް އާއިން މުހައްމަދު ޝާހިދު އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ތިނެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ބޮންތި ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލުން ޖާގަހޯދިއިރު، މިގުރޫޕުން ދެވަނަ ހޯދީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ފުލައިން އީގަލް ސްޕޯޓްސް ކުލަބެވެ. އަދި މިމެޗުން ބަލިވި ވައްޓަފާޅި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ނުވަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.