
މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ
# ހުތުބާރާއްޖޭގެ މިސްކިތެއް: ގާފު ފޮޓޯ: އަހުމަދު ޝުރާއު
މަސައްކަތުގެ އަޚްލާޤާއި މެދު އިސްލާމްދީން ބާރު އަޅާ މިންވަރާއި އެކަމުގެ މުހިންމު ކަމުގެ މައްޗަށް މިއަދުގެ ހުކުރު ހުތުބާ ޚާއްސަކޮށްފި އެވެ.

މިއަދުގެ ހުތުބާގައި ބުނީ އިސްލާމީ ޝަރީޢަތާއި އަދި ވަޟްޢީ ޤާނޫނު ބުނެދޭ މަތިވެރި އަޚްލާޤުގެ އެންމެ ކުރީގައިވަނީ ޢަހުދަށް ރައްކާތެރި ވުން ކަމަށާއި ޙަވާލުކުރެވޭ ޒިންމާ ފުރިހަމައަށް އަދާކުރުމާއި މުވައްޒަފެއްގެ ހައިސިއްޔަތުން ތިބާ އެއްބަސްވެ، ސޮއިކުރި ވަޒީފާ ބަޔާނާ އެއްގޮތަށް ޢަމަލުކުރުން ކަމަށެވެ. އަދި ވަޒީފާގެ މަސްއޫލިއްޔަތަކީ، މުވައްޒަފު ރައްކާތެރިވާންޖެހޭ ބޮޑު އަމާނާތެއް ކަމަށާއި ވެވޭ ޢަހުދަކާއި ޢަޤުދެއް ކަމަށެވެ.
ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށް ޓަކައި ވެވޭ އެއްބަސްވުމަކަށް ނުހަދުމަށާއި ސޮއިކުރާ ޢަޤުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަޞްވީރަކަށް ނުހަދެދުމަށް ނަސޭހަތްތެރިވެ ހަތުބާގައި ބުނީ ވަޒީފާ ބަޔާނަކީ ޚިދުމަތް ފޯރުކޮށް ދިނުމަށް ހިފޭ ޢަހުދު ކަށަވަރެއް ކަމަށެވެ. އެހެންކަމުން އެ ޢަޤުދުގައި ލިޔެވިފައިވާ ކޮންމެ ލަފުޒަކަށް، ޖުމްލައަކަށް ފަރުވާތެރިވެ ރައްކާތެރިވާންޖެހޭނެ ކަމަށާއި ވަޒީފާގެ ތެރެއިން ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރި ކަމާއެކު އެޚިދުމަތެއް ވީއެންމެ ފުރިހަމައަށް އިޙްތިރާމާއި އޯގާތެރި ކަމާއެކު ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައި އެވެ. މުވައްޒަފުންގެ ފަހަތުން ޚިދުމަތް ލިބިގަންނަ މީހާ ދުވަން ނުޖެހޭގޮތަށް، ތިބާގެ ދުވަހުގެ މަސައްކަތް ތަރުތީބު ކުރަންވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައި އެވެ.
ހުތުބާގައި އިތުރަށް ބުނީ އޮފީހުގެ ކަރަންޓާއި ފެނާއި ފޯނާއި ކަރުދާހާ ދެއްޔާއި އޮފީހުގެ މެޝިނަރީތަކަކީވެސް އަމާނާތެއް ކަމަށެވެ. އަދި ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތާއި މުއައްސަސާގެ މުހިއްމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީވެސް އަމާނާތެއް ކަމަށާއި އެހެންކަމުން މި އަމާނާތްތަކަށް ރައްކާތެރިާންޖެހޭނެ ކަމަށާއި ވަޒީފާގެ މުހިއްމު ވަގުތުތައް އޮފީހުން ބޭރުގައި އަމިއްލަ ކަންކަމަށް ހޭދަކުރާއިރު، ޙަވާލުވި އަމާނާތުގެ މަތިން ހަނދުމަކުރާންޖެހޭނެ ކަމަށެވެ.
ވަޒީފާގެ ވެށި ތަހުޒީބު އަމާން ވެށްޓަކަށް ހެދުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެއްކަން ފާހަގަކޮށް ހުތުބާގައިބުނީ މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަ ގުޅުންތަކަށް ބުރޫ އަރާފަދަ ޢަމަލުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ވަޒީފާގެ ވެށި ކިލަނބުކޮށް، ތަޣައްޔަރުވެ މަސައްކަތުގެ ރޫޙު ގެއްލި މުވައްޒަފުންގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ޢަމަލުތަކުން ދުރުވުމަށް ހުތުބާގައި އިލްތިމާސްކޮށްފައި އެވެ.
ކޮންމެ ވަޒީފާއެއްގައި ވެސް ޙައްޤުތަކާއި ވާޖިބުތަކެއް ވާކަން ފާހަގަކޮށް ހުތުބާގައި ބުނީ މުވައްޒަފުގެ މައްޗަށް ވާޖިބުތަކެއްވާ ފަދައިން ވަޒީފާ ދޭ ފަރާތުގެ މައްޗަށްވާ ޙައްޤުތަކެއް ވާ ކަމަށެވެ. އެގޮތުން މުވައްޒަފުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވެ، ކަނޑައެޅިފައިވާ މުސާރައާއި އިނާޔަތްތައް ޤަވާއިދުން ދޭންޖެހޭނެ ކަމަށާއި ވަޒީފާގެ އުޞޫލުތަކުގެ ތެރެއިން ދޭންޖެހޭ ޗުއްޓީއާއި ހުސްވަގުތު ދީ، މުވައްޒަފުންގެ މެދުގައި ޢަދުލުއިންޞާފު ޤާއިމުކޮށް، އޯގާތެރިކަމާއެކު މުޢާމަލާތު ކުރަންޖެހޭނެކަން ހުތުބާގައި ވަނީ ބުނެފައި އެވެ.
ދައުލަތާއި ރައްޔިތުންގެ މުދަލާއި ޢާއްމު މިލްކިއްޔާތަށް ރައްކާތެރިވުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަމެއްކަމަށާއި އެހެންކަމުން މި ލަނޑުދަނޑި، ޙާޞިލުކުރެވޭނީ އެ މުއައްސަސާގެ މަޤާމުތަކަށް ޤާބިލު މީހުން ތިބެ މަޤާމުތަކުގައި ތިބޭ މީހުންގެ ކިބައިގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަން ހުރެގެން ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައި އެވެ.
ހުތުބާގައި އިތުރަށް ބުނީ ވަޒީފާގެ ވެށީގައި ކުރެވޭ މަސައްކަތްތަކުގައި މާތް ﷲ ބަރަކާތްލައްވާނީ، އިޚްލާޞްތެރިކަމާއެކު އެކަންކަން ކޮށްގެންކަމަށާއި މާތްﷲ ގެ ވަޖުހުފުޅު އަދައިގެން، ޙަވާލުކުރެވޭ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކޮށްގެން ކަމަށެވެ.
" މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ. ވަޒީފާގެ ވެއްޓާއި ނިޒާމު އޮންނަންވާނީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބިގަނެވޭނެ ގޮތަށް ރާވައި ތަރުތީބު ކުރެވިފައި. ވަޒީފާގެ އުޞޫލުތަކާއި ވެށި ބައްޓަންކުރަންވާނީ، ފަރުޟު ނަމާދު އަދާކުރެވޭނޭ ގޮތަށް " ހުތުބާގައި ބުންޏެވެ.
ޢާއިލާއާއި މުޖުތަމަޢުގެ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އިތުރުކުރުމަށްޓަކާ ވަޒީފާއަށް ދޭންޖެހޭ ވަގުތާއި ސަމާލުކަން ފުރިހަމައަށް ދޭންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ މުޖުތަމަޢު އާ އުސްމިންތަކަށް ގެންގޮސް، ނަފްސަށް ހަމަޖެހުމާއި އަރާމު ލިބިދެވޭނީ މަސައްކަތުގައި ތެދުވެރިކަމާއި އަމާނާތް އެކުލެވިފައިވާ މިންވަރަކުން ކަމަށެވެ.
" ވަޒީފާގެ މައިދާނުގައި ވަޒީފާ ދޭ ފަރާތާއި ތިބާއާއި އަދި ތިބާއާއެކު މަސައްކަތްކުރާ މުވައްޒަފުން ތިޔަ ދަތުރު ކުރަނީ އެއް ނަވެއްގައިކަން ހަނދާން ކުރާށެވެ. އެ ނައު ޣަރަޤު ވެއްޖެނަމަ އެންމެން ޣަރަޤު ވެދާނެކަން ދަންނާށެވެ. އަދި އެ ނައު ފަރަކަށް ނާރައި، ނުބެހި ހެޔޮމިސްރާބުގައި ދަތުރުކޮށް، ސަލާމަތުގެ އައްސޭރިއަށް ވާޞިލު ވެއްޖެނަމަ ދަތުރުގެ އެންމެހާ ބައިވެރިންނަށް އަމާންކަމާ އުފާވެރިކަން ލިބޭނޭކަން އަބަދުމެ ހަނދާނުގައި ބަހައްޓާށެވެ. މި މަބްދައަށް ރައްކާތެރި ވެވިއްޖެނަމަ، ބާއްޖަވެރިކަން އޮތީ ތިމާ އަށާއި، ތިމާގެ ޢާއިލާ އަށާއި، ތިމާގެ ވަޠަނަށެވެ." ހުތުބާގައި ބުންޏެވެ.
ހުތުބާ ނިންމާލަމުން ބުނެފައިވަނީ ތިމާ ވަޒީފާ އަދާކުރުމުގެ މަޤުޞަދަކަށްވާންޖެހޭނީ ދުނިޔެ ޢިމާރާތްކުރުން ކަމަށާއި ދުނިޔެ ޢިމާރާތްކުރުމުގެ ބޭނުމަކަށް ވާންޖެހޭނީ އުޚުރަވީ ޙަޔާތް ކާމިޔާބު ކުރުން ކަމަށެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
