ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމް ފޯރ ސޯޝަލް ވަރކަރސްގެ ދެވަނަ ބެޗުގެ ތަމްރީން ނިންމާލައިފި
އަހުމަދު ޝުރާއު
11/30/2024, 5:03:15 AM
--
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޯޝަލް ވޯކަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސްކިލްސް އެންހޭންސްމަންޓް ޕްރޮގްރާމް ފޯރ ސޯޝަލް ވަރކަރސްގެ ދެވަނަ ބެޗުގެ ސެޝަންތައް ނިންމާލައިފިއެވެ.
މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއް ގޮތަށް، މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން، އަވަހަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކުރިއަށް ގެންގޮސްފައިވަނީ 12،13،14 އަދި 16 ނޮވެމްބަރު 2024 ގައެވެ. ދެެވަނަ ބެޗުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ 23 ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށެވެ.
މި ގޮތުން ހދ، ށ ،ބ ، ޅ ، ދ ، ގދ ،ޏ ، ނ، ހއ، ރ ، ސ ، މ ، ފ، ލ، ވ އަދި ތ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ ކޭސް ވޯކަރުން މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެފައިވެއެވެ. މިގޮތުން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުން މުޅި ޖުމްލަ 50 ކޭސްވަރކަރުން ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މިތަމްރީން ޕްރޮގްރާމުގެ ބޭނުމަކީ މިވުޒާރާގެ ދަށުން ހިނގަމުންދާ އެފް.ސީ.އެސް.ސީ ތަކުގައި މަސައްކަތް ކުރާ ކޭސްވަރކަރުންނަށް ބޭނުންވާ ފަންނީ ޢިލްމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމެވެ. މި ތަމްރީން ޕްރޮގްރާމުގެ ސަބަބުން ކޭސްވަރކަރުން މިހާރު ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މިހާރު ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ހަރުދަނާ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ.