
އެންސްޕާއާ ގުޅުވާ ފަތުރަނީ ދޮގެއް: ތުހުމަތުތައް ބަލައިދިނުމަށް އެންސްޕާއިން އަމިއްލައަށް އޭސީސީއަށް!
# އެންސްޕާ--
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ބެހޭ ގޮތުން ބައެއް ނޫސްތަކުން ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށާއި އެ އެތުހުމަތުތައް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގައި އެދިފައިވާނެ ކަމަށް އެންސްޕާއިން ބުނެފި އެވެ.

އެންސްޕާއިން މިފަދައިން ބުނީ ދާދި ފަހުން ބްރޯޑްކާސްޓްކުރަން ފެށި އެމްއެމްޓީވީ އާއި އެންސްޕާއާއި ދެމެދު ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް ބުނެ މީސް މީޑިއާގައި އަޑުތަކެއް ފެތުރުމާއި ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި އެވެ. އެގޮތުން އެންސްޕާއަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފާފައި ވަނީ ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް އުސޫލުތަކުގެ ބޭރުން ކަމަށާއި އަދި އެ އިދާރާއަށް މުވައްޒަފުން ނަގާފައި ވަނީ ވެސް ކޮޕަރްޝަނަށް މަގުފަހިވާ ގޮތަށް ކަމަށްބުނެ އިމާރާތް ހޯދުމުގައި އާއި މުވައްޒަފުން ނެގުމުގައި އެމްއެމްޓީވީއަށް ސީދާގޮތުން ފައިދާ ކުރާނެ ގޮތް އިސްކޮށްފައިވާ ކަމަށް ތުހުމަތުތައް ވަނީ އަމާޒުވެފައި އެވެ.
މި ތުހުމަތުތަކާއި ގުޅިގެން ރޭ ނެރުނު ނޫސް ބަޔާނުގައި އެންސްޕާއިން ބުނެފައިވަނީ އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ މާލީ ވުޒާރާ އާއި އެ އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާ އުޞޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެ މަޢުލޫމާތްތަކަކީ މާލީ ވުޒާރާގެ މަންސަތަކުން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ މަޢުލޫމާތުތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އެންސްޕާ ހިންގުމަށް މުވައްޒަފުން ހޯދުމާއި އެ މުވައްޒަފުންގެ ޒިންމާތައް ހަވާލު ކުރުމަކީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކުރަމުންދާ ކަމެެއް ކަމަށާއި އަދި އެ އެޖެންސީއާ ގުޅުވާ ފަތުރަމުންދާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި މިފަދަ ދޮގު ވާހަކަތައް ފަތުރާ މީހުންނަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާއަށް ހުށަހަޅާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މީގެއިތުރުން އެކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގާ އެކަމުގެ ތަފްސީލު ރައްޔިތުންނަށް ހާމަކޮށް ދިނުމަށް އޭސީސީގައި އެދިފައިވާނެ ކަންވެސް ބަޔާނުގައި ހާމަކޮށްފައި ވެއެވެ.
ގުޅުންހުރި

ބަލިމީހަކަށް ދިން އެހީގެ މައުލޫމާތު އާންމުކުރެވުމާއި ގުޅިގެން އެންސްޕާއިން މާފަށް އެދިއްޖެ

އޮފީސް އިމާރާތް ހޯދަން ހެދި އެއްބަސްވުން ބާތިލްކުރަން އެންސްޕާއިން ނިންމައިފި

އެންސްޕާއާ ގުޅުވާ ފަތުރަނީ ދޮގެއް: ތުހުމަތުތައް ބަލައިދިނުމަށް އެންސްޕާއިން އަމިއްލައަށް އޭސީސީއަށް!
