ރަށުން ބޭރުގައި ލެގަނޭސް އަތުން މޮޅުވެ ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި
ހަސަން ޝަމްއޫން
11/25/2024, 5:52:57 AM
ލެގަނޭސް އާއި ރެއާލް މެޑްރިޑް ވާދަކުރި މެޗުގެ ތެރެއިން
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލެގަނޭސް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި 4-0 ގެ ނަތީޖާއަކުން އޮސަސޫނާ އަތުން މޮޅުވެފައިވާއިރު، ލެގަނޭސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ސެވިއްޔާ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި އެޓީމުން ލީޑުހޯދި ލަނޑު ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކިލިއަން އެމްބާޕޭ އެވެ.
މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 12 މެޗުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 66 ވަނަ މިނެޓުގައި މިޑްފީލްޑަރު ފެޑަރީކޯ ވަލްވޭޑޭ ކާމިޔާބުކުރުއިރު، އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންގްހަމް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 13 މެޗުން ރެއާލް މެޑްރިޑަށް 30 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ލެގަނޭސް ކުޅުނު 14 މެޗުން ލިބުނު 14 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 14 ވަނައިގައެވެ.