
ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ ބޮޑުބައެއް ނިންމައި ފެނުގެ ޚިދުމަތްތައް ދޭން ފަށައިފި
# ށ.ކަނޑިތީމު-
ށ. ކަނޑިތީމުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫޢުގެ މުހިންމު މަރުހަލާއެއް ނިންމައި، ފެނުގެ ޚިދުމަތްތައް ދޭން ފަށައިފިއެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވުނު ފެނުގެ ނިޒާމު ވަނީ އޮޕަރޭޓަރާއި ހަވާލުކޮށް، ރަސްމީކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އިމާރާޔްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ކަނޑިތީމުގައި ޤާއިމުކުރެވުނު ފެނުގެ ވަސީލަތްތަކުގެ ތެރޭގައި 55 ޓަނުގެ 2 އާރްއޯ ޕްލާންޓާއި، 60 ޓަނުގެ ވާރޭ ފެން ޕްލާންޓެއް ހިމެނެއެވެ. މީގެ އިތުރުން، 361 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 900 ޓަނުގެ ވާރޭ ފެން ރައްކާކުރާ ޓޭންކެއްވެސް ވަނީ ޤާއިމުކުރެވިފައެވެ. މަޝްރޫޢުގެ މިހާރު ކުރިއަށްދަނީ ޑިފެކްޓްސް ލައަބިލިޓީ މުއްދަތުގެ މަސައްކަތްތަކެވެ.
މި މުއްދަތުގައި، މަޝްރޫޢުގެ ތެރެއިން ފާހަގަކުރެވުނު ކުދިކުދި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
ށ. ކަނޑިތީމުގެ ފެނާއި ނަރުދަމާ މަޝްރޫޢު ފުރިހަމަވުމުން، ރަށުގެ ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢު ކަމުގައިވާއިރު، މިފަދަ މަޝްރޫޢުތަކުން ރަށްރަށުގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.