
އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް - ހުތުބާ
# ހުތުބާ-
އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "އަނބިދަރީންނަށް ހަރަދުކުރުން" މި މައުޟޫއަށެވެ.
ހުތުބާގައި ބުނެފައިވަނީ, އަންހެނުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި އެއް ބަޔަކީ އަނބިމީހާ ކަމަށެވެ. އަދި އަނބިމީހާއަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ފިރިމީހާގެ މައްޗަށް މާތްالله އަމުރުކުރައްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން، ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ، އޭނާގެ މައްޗަށް މާތް الله ވާޖިބުކުރައްވައިފައިވާ ކަމެެއް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
މާތް الله ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ''އަދި އެކަށީގެންވާ ހެޔޮ ގޮތުގައި އެކަނބަލުންނަށް ކާންދިނުމާއި، އަންނައުނުދިނުން އެއީ، (ކުއްޖާގެ) ބަފާގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ."
ލޮބުވެތި ރަސޫލާ ސައްލައްالله އަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. "އެ ކަނބަލުންނަށް ހެޔޮ ގޮތުގައި ކާންބޯންދިނުމާއި، އުނުއޮރިޔާން ނިވައިކޮށްދިނުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ."
އެހެން ކަމުން ތިބާގެ އަނބިމީހާ ފުދުންތެރިއަކަށް ނުވަތަ މުއްސަންޖަކަށް ވިޔަސް ތިބާ އޭނާއަށާއި ދަރީންނަށް ޚަރަދުކުރާންޖެހޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި އެ މީހުންނަށް ކެއިންބުއިމާއި އަންނައުނާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވެގެންވާކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"ފިރީންނަކީ މާތް الله ވަރަށް މަތިވެރި އަމާނާތެއް ޙަވާލުކުރައްވައިފައިވާ ބަޔެކެވެ. އޭނާއަށް ހަވާލުކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީންނެވެ. އަނބިދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާ އިރު އެ ވާޖިބު އަދާކުރުން މަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެކެވެ. " - ހުތުބާ
ހުތުބާގައި ބުނެފައިވަނީ, މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެ ކަމަށް އިހުމާލުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ދެމަފިރީން ވަރިވުމަށް ފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެން އުޅޭ މީހުންވެސް މަދުނޫން ކަމަށް ބުނެފައިވެއެވެ. ކޯޓު މެދުވެރިކޮށް ވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދުނޫން ކަމަށް ފާހަގަކޮށްފައިވެއެވެ.
މިއީ އިންތިހާއަށް ހިތާމަކުރާން ޖެހޭ ކަމެއް ކަމަށް ފާހަގަކޮށް ހުތުބާގައި ވަނީ, މި ކަންކަމާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެކަން ފާހަގަކޮށްފައެވެ. އެހެންކަމުން މި ގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެކުރީން ތައުބާވެ، اللهގެ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ހުތުބާގައި ވަޞިއްޔަތްކޮށްފައިވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
