އަމިއްލަ ދަނޑުގައި ފޮރެސްޓް އަތުން ޗެލްސީއަށް މޮޅެއް ނުވެވުނު
ހަސަން ޝަމްއޫން
10/6/2024, 1:10:47 PM
ޗެލްސީ އާއި ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން...
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނޮޓިންގްހަމް ފޮރެސްޓާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި 4-2 ގެ ނަތީޖާއަކުން ބްރައިޓަން އަތުން މޮޅުވެފައިވާއިރު، ފޮރެސްޓް އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ފުލަމް އަތުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ ޗެލްސީ އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފޮރެސްޓުންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކްރިސް ވުޑްއެވެ. މިއީ އެޓީމުގެ ޑިފެންޑަރު ނިކޮލާ މިލެންކޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ނަމަވެސް އޭގެ އަށް މިނެޓު ފަހުން ޗެލްސީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޯނީ މަޑުއެކޭ އެވެ. މިއީ އެޓީމުގެ މިޑްފީލްޑަރު ކޯލް ޕަލްމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ފޮރެސްޓްގެ މިޑްފީލްޑަރު ޖޭމްސް ވޯޑް-ޕްރޯސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުން މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި،1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން ޗެލްސީއަށް 14،ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު ހަތް މެޗުން ފޮރެސްޓަށް 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ.