ރަށުން ބޭރުގައި ބްރަޓިސްލާވާ އަތުން މެންޗެސްޓާ ސިޓީއަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
10/1/2024, 7:09:58 PM
މެންޗެސްޓާ ސިޓީ އާއި ސްލޮވާން ބްރަޓިސްލާވާ ވާދަކުރި މެޗުގެ ތެރެއިން
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސްލޮވާކިޔާގެ ސްލޮވާން ބްރަޓިސްލާވާ އާއި ދެކޮޅަށް ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީ ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކާމިޔާބުކޮށްފިއެވެ.
މުބާރާތުގައި މެންޗެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށް ކުޅުނު މެޗުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ސްލޮވާން ބްރަޓިސްލާވާގެ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑްގެ ސެލްޓިކް އަތުން އެޓީމު ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ގުންޑޮގާން އެވެ. އަދި އޭގެ ހަތް މިނެޓްފަހުން ފިލް ފޮޑެން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ސިޓީން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށްކުޅެ ސިޓީއިން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި އިތުބާރު ފޯވާޑް އެރްލިންގް ހާލަންޑް ކާމިޔާބުކުރިއިރު އެޓީމުގެ ހަތަރުވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ޒުވާން މިޑްފީލްޑަރު ޖޭމްސް މެކަޓީ އެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިނަތީޖާއެކު ކުޅުނު ދެމެޗުން ސިޓީއަށް ހަތަރު ޕޮއިންޓް ލިވިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ބަލިވި ބްރަޓިސްލާވާ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 35 ވަނައިގައެވެ.
މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކުރިއަށްދަނީ ޔޫރަޕްގެ އެންމެ ވަރުގަދަ 36 ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ. އަދި ކޮންމެ ޓީމަކުން އަށް މެޗު ކުޅެ ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ފުރުސަތު ލިބިގެންދާނެއެވެ. އަދި ނުވަ ވަނައިން ފެށިގެން 24 ވަނަ އާއި ދެމެދު ނޮކްއަޓް މެޗުތަކެއް ކުޅުމަށްފަހު ކުރިހޯދާ އަށް ޓީމަށް ވެސް މުބާރާތުގެ ރައުންޑް އޮފް 16 އިން ފުރުސަތު ލިބިގެންދާނެއެވެ.