logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު އާސެނަލް އިން ޕީއެސްޖީ ބަލިކޮށްފި

ވާދަވެރި ކުޅުމަކަށްފަހު އާސެނަލް އިން ޕީއެސްޖީ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

10/1/2024, 7:04:32 PM

# އާސެނަލް# ޕީއެސްޖީ# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޗެމްޕިއަންސްލީގު

އާސެނަލް އާއި ޕީއެސްޖީ ވާދަކުރި މެޗުގެ ތެރެއިން...

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފުރާންސްގެ ޕީއެސްޖީ އާއި ދެކޮޅަށް ޕްރެމިއާ ލީގުގެ އާސެނަލް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-0 ގެ ނަތީޖާއަކުން އާސެނަލް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި އިޓަލީގެ އެޓަލާންޓާއި ވާދަކޮށް، ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު، ޕީއެސްޖީގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖައަކުން ސްޕެއިންގެ ޖިރޯނާ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލް އިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކައި ހާވަޓްޒް އެވެ. މިއީ އެޓީމުގެ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ބަކަޔޯ ސަކާ އެވެ. މިއީ ޕީއެސްޖީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތްތަކުގެ ބޭނުންނުކުރެވި މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން އާސެނަލްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ އަށްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޕީއެސްޖީއަށް ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 18 ވަނައިގައެވެ.

މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކުރިއަށްދަނީ ޔޫރަޕްގެ އެންމެ ވަރުގަދަ 36 ޓީމުގެ މެދުގައި ލީގު އުސޫލުންނެވެ. އަދި ކޮންމެ ޓީމަކުން އަށް މެޗު ކުޅެ ލީގު ބުރުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ އަށް ޓީމަށް މުބާރާތުގެ ރައުންޑް އޮފް 16 އިން ފުރުސަތު ލިބިގެންދާނެއެވެ. އަދި ނުވަ ވަނައިން ފެށިގެން 24 ވަނަ އާއި ދެމެދު ނޮކްއަޓް މެޗުތަކެއް ކުޅުމަށްފަހު ކުރިހޯދާ އަށް ޓީމަށް ވެސް މުބާރާތުގެ ރައުންޑް އޮފް 16 އިން ފުރުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ