ރަށުން ބޭރުގައި ސައުތުހަމްޓަން އަތުން ޔުނައިޓެޑަށް ފަސޭހަ މޮޅެއް
ހަސަން ޝަމްއޫން
9/14/2024, 1:48:54 PM
ސައުތުހެމްޓަން އާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗުގެ ތެރެއިން...
އިގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ސައުތުހެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ ހަ ވަނައަށް ކުރިއަށްޖެހިލައިފިއެވެ.
މިދެޓީމު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވެފައިވާއިރު، އަނެއް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ މެންޗެސްޓާ ޔުނައިޓެޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ލީޑު ހޯދުމަށް ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި،ސައުތުހެމްޓަންއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް އެޓީމުގެ އިގިރޭސި ފޯވާޑް ކެމަރޮން އާޗަރ ކުރިއަށް ފޮނުވާލި ޕެނަލްޓީ ޔުނައިޓެޑްގެ ކީޕަރު އޮނާނާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ދެމިނެޓް ފަހުން ޔުނައިޓެޑުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މަތިޖްސް ޑެ ލިގްޓް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސައުތުހެމްޓަންއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމުގެ އިގިރޭސި ޑިފެންޑަރު ޖެކް ސްޓެފަން ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ.
މިމެޗުގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޓީމުގެ އާޖެންޓީނާ ފޯވާޑް އަލްޖެންޑްރޯ ގަނާޗޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އަދި މިމެޗުން ބަލިވި ސައުތުހެމްޓަން ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 19 ވަނައިގައެވެ.