
-
މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމަކީ މުހިންމު ކަމެއް ކަމުގައި މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ޚުޠުބާ މަޢުޟޫއަކީ "ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން" މިއެވެ.
މި ދުނިޔޭގައި އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ الله سُبْحَانَهُ وَتَعَالَى ފޮނުއްވެވި ރަސޫލުބޭކަލުން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފައިވަނީ މާތް اللهގެ ނަބިއްޔާ އައްޔޫބް އަލައިހިއްސަލާމްގެ ހަޔާތްފުޅަށެވެ. އެގޮތުން މާތް اللهގެ ނަބިއްޔާ އައްޔޫބް އަލައިހިއްސަލާމަށް ކުރިމަތިކުރެއްވި އިމްތިޙާނާ ކުރިމަތިލެއްވި ގޮތް ހަނދާނަށްގެނެސް އެއިން އިބްރަތް ލިބިގަތުމަށް ވަނީ ހަނދާންކޮށްދީފައެވެ.
الله تَعَالَى އައްޔޫބުގެ ފާނަށް ނުހަނު ގިނަ މުދަލާއި އަޅުންނާއި ދަރީން ދެއްވިއެވެ. ޢަދަދު ނުކުރެވޭ ވަރަށް ދަނޑުފަނގުތަކަކާއި ނަޢަމްސޫފިތައް ދެއްވިއެވެ. ގާތްތިމާގެ މީހުންނާއި އެތައް ޚާދިމުންނެއް އެކަލޭގެފާނުގެ ޚިދުމަތުގައި ވިއެވެ. ދުޅަހެޔޮ ސިއްޙަތާއި ތަނަވަސްކަމުގެ ނިޢުމަތުގައި އެކަލޭގެފާނު އެތަކެއް އަހަރު ދިރިއުޅުއްވިއެވެ. އޭގެ ފަހުގައި الله تَعَالَى އެކަލޭގެފާނު އިމްތިޙާނުކުރެއްވުމުގެ ގޮތުން ބޮޑު ބަލިމަޑުކަމެއް ޖެއްސެވިއެވެ.
ހުތުބާގައި ބުނެފއިވަނީ އެ ބަލިމަޑުކަމުގައި އެކަލޭގެފާނުގެ ހިތްޕުޅާއި ދޫފުޅު ފިޔަވައި އެ ބަލިމަޑުކަމުގެ އަސަރުނުކުރާ އެންމެ ގުނަވަނެއްވެސް އެކަލޭގެފާނުގެ ހަށިކޮޅުގައި ނުވާ ކަމަށެވެ. އެކަލޭގެފާނުގެ ދަނޑުފަނގުތަކާއި ނަޢަމްސޫފިތަކާއި ހުރިހައި މުދަލަކާއި ދަރީންނެއް ނެތިކުރެއްވައި, ހުރިހައި އަޅުންނާއި، ޚާދިމުންނާއި، ގާތްތިމާގެ މީހުންނާއި އެކުވެރީން، އެކަލޭފާނު ދޫކޮށް ދިޔައެވެ. އަރިހުގައި ދެމިތިއްބެވީ އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އެކަލޭގެފާނަށް ހެނދުނާއި ހަވީރު ޒިޔާރަތްކުރަމުން ދިޔަ އެކަލޭގެފާނުގެ އަރިސް ދެ އަޚުންނެވެ.
ފަޤީރުކަމާއި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގެ ވޭނާއި ކެކުޅުމުގައި ވެސް އައްޔޫބުގެފާނު ކެތްތެރިވެވަޑައިގެން الله تَعَالَىއަށް ދުޢާކުރެއްވުމާއި ޛިކުރުކުރެއްވުމުގައި ދެމިއޮންނެވިއެވެ.
ކީރިތި ޤުރްއާނުގައި މި ފަދަ ޢިބުރަތްތެރި ވާހަކަތައް الله تَعَالَى ބަޔާންކޮށްދެއްވަނީ އެ ފަދަ ވާހަކަތަކުން ފިލާވަޅު ލިބިގަނެ އަހަރެމެންގެ އުޅުމާއި ގުޅުން އިޞްލާޙު ކުރުމަށް ޓަކައި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އައްޔޫބުގެފާނުގެ ބަލީގެ ޝިފާއެއްކަމުގައި الله تَعَالَى ލެއްވެވި ފެންއާރުން ނާނޭފުޅުފިއްލަވައި ފެންފޮދު ހިއްޕެވުމުން އެކަލޭގެފާނު ކުރީން ހުންނެވި ރިވެތި ފުރިހަމަ ސޫރައާއި ދުޅަހެޔޮކަމަށް އެކަލޭގެފާނު އިއާދަ ކުރެއްވިއެވެ. އަދި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގަތް ދަރީންގެ އަދަދަށް ވުރެ ގިނަ ދަރީންނާއި މުދަލާއި ތަނަވަސްކަން ދެއްވިއެވެ.
އައްޔޫބުގެފާނުގެ ވާހަކައިން އަހަރެމެންނަށް ލިބޭ އެއް ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަމެވެ. ޝިފާލިބުމާއި، ކާމިޔާބުލިބުން ވަނީ ﷲގެ ހަޟުރަތުންކަމެވެ. ކެތްތެރިވެ ސާބިތުކަމާ އެކު ދެމިހުރެއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަމެވެ.
"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއް. އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދެއްކޮށެއްނޫން" - ހުތުބާ
އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، އަހަރެމެން الله تَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިޙާނުކުރައްވާނެކަމެވެ.
އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އަނެއް ފިލާވަޅަކީ އެކަލޭގެފާނުގެ އަނބިކަނބަލުންގެ މަތިވެރި ޤުރްބާނީއެވެ. އެކަލޭގެފާނު ދޫކޮށް އެންމެން ދިޔަހިނދު ވެސް އެ ކަމަނާ އެ ފަޤީރު ދަތި އުނދަގޫ ޙާލަތުގައި އެކަލޭގެފާނަށް އެހީތެރިވުމުގައި ދެމި ހުންނެވިއެވެ. އެ ކަމަނާ މީސްތަކުންނަށް ނޯކިރީކޮށްދެއްވައިގެން އައްޔޫބުގެފާނަށް ފަރިއްކޮޅުއަރުވަމުން، އެކަލޭގެފާނުގެ ޚިދުމަތުގައި ދެމި ހުންނެވިއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
