ތަފާތުބޮޑު ނަތީޖާއަކުން އެފްއާރުސީ ބަލިކޮށް ކޭވީސީ އިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި
ހަސަން ޝަމްއޫން
9/4/2024, 4:53:53 PM
ކޭވީސީ އާއި އެފްއާރުސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މިރޭ ފައި ރެކްރިއޭޝަން ކުލަބު (އެފްއާރުސީ) އާއި ކުޅިވަރު ވުޒާރާ ކުލަބު (ކޭވީސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 04-41 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެފްއާރުސީ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
މުބާރާތުގައި އެފްއާރުސީ ކުޅުނު ފުރަތަމަ މެޗުގައި 10-08 ގެ ނަތީޖާއަކުން ޔޫތު ރެކްރިއޭޝަން ކުލަބު (ވައިއާރުސީ) އަތުން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި، ސްޓެލްކޯ އަތުން 04-24 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި ކޭވީސީގެ ފުރަތަމަ މެޗުގައި 10-17 ގެ ނަތީޖާއަކުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަތުން އެޓީމު މޮޅުވިއިރު، މިއީ އެޓީމުގެ ދެވަނަ މެޗެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ ކޭވީސީ އިން މެޗު ޑޮމިނޭޓްކުރި އިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 16 ޕޮއިންޓްގެ ލީޑަކާއެކު 02-18 ގެ ތަފާތުބޮޑު ނަތީޖާއަކުން ކޭވީސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 23 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެފްއާރުސީއަށް ކާމިޔާބުކުރެވުނީ އެންމެ ދެ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭވީސީގެ ޝިޒްނާ ރަޝީދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ
މިނަތީޖާއެކު ކުޅުނު ދެމެޗުން ކޭވީސީއަށް ހަ ޕޮއިންޓް ލިބިފައިވާއި، މިމެޗުން ބަލިވި އެފްއާރުސީ ކުޅުނު ތިން މެޗުން އެޓީމަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.