ރަޝިއާގައި 22 މީހުންނާއި އެކު ދަތުރުކުރަމުންދިޔަ ހެލިކޮޕްޓަރެއް ގެއްލިއްޖެ
އަހުމަދު ޝުރާއު
8/31/2024, 12:59:08 PM
ރަޝިއާގެ ކަމްޗަޓްކާ ޕެނިންސިއުލާ ސަރަހައްދުން 22 މީހުންނާއެކު ދަތުރުކުރި ހެލިކޮޕްޓަރެއް ގެއްލިފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ހޮނިހިރު ދުވަހު ޓެލެގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ކަމްޗަޓްކާގެ ގަވަރުނަރު ލަޑިމިއާ ސޮލޮޑޯވް ވިދާޅުވީ ގެއްލުނު އެމްއައި-8 ހެލިކޮޕްޓަރަކާ ގުޅުން ކެނޑުނީ ޖީއެމްޓީ ގަޑިން 04:15 ހާއިރު ކަމަށެވެ. އެގޮތުން އެ ހެލިކޮޕްޓަރަކީ ފަތުރުވެރިންތަކެއް ގޮވައިގެން ދަތުރުކުރަމުން ދިޔަ ހެލިކޮޕްޓަރެއް ކަމަށް ވަނީ ބުނެފައި އެވެ.
މި ހެލިކޮޕްޓަރު ގެއްލުނު އިރު އޭގައި ތިބީ 19 ފަތުރުވެރިންނާއި 3 ފަޅުވެރިންނެވެ.
ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ ހެލިކޮޕްޓަރުގައި ހޯދުމަށް ރެސްކިއު ޓީމުތަކުންމަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހެލިކޮޕްޓަރު ފުރި ރިވާ ވެލީއަކަށް ރެސްކިއުޓީމުތަކުން ސަމާލުކަން ދެމުން އަންނަ ކަމަށެވެ.
އެމްއައި-8 އަކީ 1960 ގެ އަހަރުތަކުގައި ފަރުމާކޮށްފައިވާ ދެ އިންޖީނުގެ ހެލިކޮޕްޓަރެކެވެ. ރަޝިއާގެ އިތުރުން އަވަށްޓެރި ގައުމުތަކާއި އެހެނިހެން ގިނަ ގައުމުތަކުގައި ވެސް މިއީ ވަރަށް ގިނައިން ބޭނުންކުރާ އުޅަނދެކެވެ.
މި ހެލިކޮޕްޓަރުން ފަސިންޖަރުން އުފުލާފައިވަނީ ވަޗްކަޖެކް އިހުގެ އަލިފާން ފަރުބަދަ ކައިރިން ނެވެ.