
ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް މަލާއިކަތުން ލައްވާފައިވާކަން ދަނެ, ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާން ޖެހޭ - ހުތުބާ
# ހުތުބާ-
ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް މަލާއިކަތުން ލައްވާފައިވާކަން ދަނެ, ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުތުބާގެ މައުޟޫއަކީ, "މަލާއިކަތުންނަށް އީމާންވުން" އެވެ.
ހުތުބާގައި ބުނެފައިވަނީ, މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށެވެ. އެއީ اللَّه تَعَالَىމާތްކުރައްވައިފައިވާ މަޚްލޫޤުންތަކެކެވެ. މުސްލިމުން މަލާއިކަތުންނަށް އީމާންވާން ޖެހޭނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ ސައްލަاللهއަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާ ގޮތަށް ކަމަށްވެްސ ހުތުބާގައި ބުނެފައިވެއެވެ.
މަލާއިކަތުންނަކީ ފިރިހެން ނުވަތަ އަންހެން ޖިންސަށް ނިސްބަތްވާ ބަޔެއް ނޫނެވެ.ކާފިރުވީ މީހުންގެ ތެރޭގައި މަލާއިކަތުންނާ މެދު ނުބައި ޤަބޫލުކުރުންތަކެއް ފެތުރިފައިވާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އޭގެތެރޭގައި މަލާއިކަތުންނަކީ އަންހެން ޖިންސުގެ ބައެއް ކަމުގައި ޤަބޫލުކުރުމާއި, އަދި އެއީ اللَّهގެ އަންހެންދަރީންކަމުގައި ވެސް ޔަހޫދީންނާއި މުޝްރިކުން ބުނާކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
މަލާއިކަތުންނާ މެދު އެ ގޮތަށް ޤަބޫލުކުރާ މީހުންނަކީ އާޚިރަތްދުވަހަށް އީމާންނުވާ މީހުންނެވެ. މަލާއިކަތުންނަށް ކެއިންބުއިމާއި، ނިދުމާއި އަރާމުކުރުން ފަދަ ކަންކަމަށްބޭނުމެއް ނުވާނެއެވެ. އެބައިމީހުން اللَّهއަށް ނުއުރެދޭނެތެވެ.
ބައެއް މީހުންނަށް اللَّه ލަޢުނަތްލެއްވި އިބިލީހާ މެދު ކުށްހީއެއް ކުރެވޭކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެއީ އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމެވެ. ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އެނގޭ ގޮތުގައި، އިބިލީހަކީ ޖިންނިއެކެވެ.
"އިބިލީހަކީ اللَّه އަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެކެވެ. އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނީއެވެ. ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު،އިބިލީސް ބޮޑާވެ ނުކިޔަމަންތެރިވިއެވެ. އެ ކަމުގެ ނަތީޖާއެއްގެ ގޮތުން اللَّهގެ ރަޙްމަތުން އޭނާ ދުރުކުރެވުނެވެ. އަދި އަބަދަށް ޓަކައި އޭނާއަށް ލަޢުނަތް ލެއްވުނެވެ. " - ހުތުބާ
މަލާއިކަތުންނަށް އީމާންވުމުގެ ތެރޭގައި އެބޭކަލުން ހައްދަވައިފައިވަނީ ނޫރުންކަން ޤަބޫލުކުރަން ޖެހެއެވެ. މަލާއިކަތުންނަކީ މާތް اللَّهއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބަޔެކެވެ. މަލާއިކަތުންގެ ޢަދަދު اللَّه ފިޔަވައި އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެވެ.
މުއުމިނުން ވާންޖެހޭނީ، ސިއްރާއި ފައުޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ޓަކައި، ކޮންމެ މީހަކާއެކު اللَّه تَعَالَى މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް اللَّه تَعَالَىއަށް ތަޤްވާވެރިވާ ބަޔަކަށް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ

ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
