logoEN
cocacola
ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެ - ހުތުބާ

ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެ - ހުތުބާ

އަލްފާ އަލީ

logo

8/16/2024, 8:40:10 AM

# ހުތުބާ

-

ބަޔަކު ކިތަންމެ ވަރަކަށް އޮޅުވައިލާން އުޅުނަސް، ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވައެއް ނުލެވޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ގޮސިޔާ

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ "ފަލަސްތީނާއި މުސްލިމުން" މި މައުޟޫގެ މައްޗަށެވެ.

ހުތުބާގައި ބުނެފައިވަނީ, ފަލަސްޠީނަށް ވެރިވެގެންފައިވާ އަނިޔާވެރި ޒަޔަނިސްޓު ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގެ ޝިކާރައަކަށްވެ، އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ. އެތައް މިލިއަން މުސްލިމުންގެ ގެދޮރު ނެތި ގޮސް ބޯހިޔާވަހިކަމެއް ނެތި، ޙާލުގައި ޖެހިފައިވާ ކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެކެވެ. މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދާ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާއިރު، މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައެވެ.

މުސްލިމުން ބައިތުލްމަޤްދިސް ފަތަޙަކުރާނެކަމުގެ އުފާވެރި ޚަބަރު ރަސޫލާ ދެއްވައިފައިކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ޤިޔާމަތްވުމުގެ ކުރިން ހަ ކަމެއް ހިނގާނެކަމަށާއި އޭގެތެރޭގައި ރަސޫލާ ސުވަރުގެ ވަޑައިގަތުމާއި، ބައިތުލްމަޤްދިސް ފަތަހަކުރުން ހިމެނެއެވެ.

ހުތުބާގައި ބުނެފައިވަނީ ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫން ކަމަށެވެ. އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއްވެސް ނޫން ކަމަށެވެ. އެކަމަކު އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއް ކަމަށާއި މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށް ޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އެ މީހުންގެ ކެކުޅުންތަކާއި ގިސްލުންތަކާއި ރުއިންތަކަށް އިޖާބަދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޔަހޫދީންނާއި އެބައިމީހުންގެ ބައިވެރީންގެ ޙީލަތްތެރި ރޭވުމުގެ ދަށުން، ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު، އިސްލާމީ ޚިލާފަތު ވައްޓައިލައި، ފަލަސްޠީނު އިނގިރޭސި ވެރިކަމުގެ ދަށަށް ގެންދިޔައެވެ. ޔަހޫދީންގެ މަކަރާއި ޙީލަތާއި އޮޅުވައިލުމުގެ ތެރެއިން، ފަލަސްޠީނުގައި އެ މީހުންނަށް ވަޒަނެއް ހަދައިދިނުމުގައި އެހީތެރިވުމުގެ ވަޢުދެއް އިނގިރޭސީންގެ އަތުން، ޔަހޫދީން ހޯދިއެވެ. މި ވަޢުދާ ވިދިގެން ދުނިޔޭގެ އެތަން މިތާނގައި އުޅުނު ޔަހޫދީން ފަލަސްޠީނުގެ ބިމަށް ގެންގޮސް ވަޒަންވެރިކުރުވިއެވެ.

އިނގިރޭސީންނާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ޔަހޫދީން ހަތިޔާރާއި ތަމްރީނުހޯދައި، ފަލަސްޠީނުގެ ބިމަށް ވެރިވެގަތީއެވެ. އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުގެ އެހީގައި ފަލަސްޠީނުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީ ވަޒަނެއް ޤާއިމުކުރީއެވެ.

"ޔަހޫދީން 1967 ވަނަ އަހަރު ޤުދުސް ހިފައި އަލްމަސްޖިދުލްއަޤްޞާ އަންދައިލުމުން ޔަހޫދީންގެ އޭރުގެ ދިފާޢީ ވަޒީރު މޯޝޭ ދައްޔާނާ މުޚާޠަބުކޮށް ނޫސްވެރިޔަކު ބުންޏެވެ. މުސްލިމުން ދެކޭ ގޮތުގައި ކީރިތި ޤުރްއާނުގައިވާ ފަދައިން އެމީހުން އަލްމަސްޖިދުލްއަޤްޞާއަށް ދެވަނަ ފަހަރަށް ވަންނާނެތެވެ. ޖަވާބުގައި އޭނާ ބުންޏެވެ. ހާސް ނުވާށެވެ! މިޖީލުގެ މީހުން ނުވަންނާނެތެވެ. އެ ކަން ވާނީ ހުކުރު ނަމާދަށް ދާ މުސްލިމުންގެ ޢަދަދަށް އެބައިމީހުން ފަތިސް ނަމާދަށް ދާން ފަށާ ދުވަހަކުންނެވެ. " - ހުތުބާ

ހުތުބާގައި ބުނެފައިވަނީ, ދުނިޔޭގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު 2 ބިލިޔަނަށް އަރާފައިވާއިރު, ޔަހޫދީންގެ އަދަދު އުޅެނީ 15 މިލިއަނުގައި ކަމަށެވެ. މިފަދަ މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުޤައްދަސް ބިންތައް ފޭރިގަނެވުނު ގޮތާ މެދު އުފެދޭ ސުވާލުތަކަށް ރިތި ރަސޫލާ ސައްލައްالله އަލައިހޮ ވަސައްލަމަ ދެއްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ބަޔަކަށް ޖާފަތަކަށް އަންނާން ގޮވުމުން، އެބައިމީހުން އައިސް ކާތަކެތީގެ މަށްޗަށް އަރައިގަންނަ ފަދައިން، އުންމަތްތައް ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނަ ދުވަސް ގާތްވެއްޖެއެވެ." އެހިނދު ބޭކަލަކު ދެންނެވިއެވެ. އެކަން އެ ދުވަހަކުން ވާނީ ތިމަންމެންގެ ބައި މަދުވެގެންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އަދި ކިއެއްހެއްޔެވެ؟ އެ ދުވަހަކުން، ތިޔަބައިމީހުން ވަރަށް ގިނަވާނެއެވެ. އެކަމަކު، ތިޔަބައިމީހުން ވާހުށީ، އޮއިކުނިތަކެއް ފަދަ އެއްވެސް އަގެންނެތް ބަޔަކަށެވެ. އަދި ތިޔަބައިމީހުންގެ ޢަދުއްވުންގެ ހިތްތަކުގައި ތިޔަބައިމީހުންގެ މައްޗަށް އުފެދިފައިވާ ހައިބަވަންތަކަން މާތް ﷲ ، އެ ހިތްތަކުން ނެރެލައްވައިފާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކަށް ވަހުނު ވައްދަވައިފާނެއެވެ." އެހިނދު ބޭކަލަކު ދެންނެވިއެވެ. އޭ، اللهގެ ރަސޫލާއެވެ! ވަހުނަކީ ކޮންއެއްޗެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެއީ، ދުނިޔެއަށް ދަހިވެތިވުމާއި، މަރަށް ނުރުހުންތެރި ވުމެވެ."

އިސްލާމީ އުންމަތަށް ކުރިން ލިބުނު ޢިއްޒަތާއި ކަރާމާތް ލިބޭނީ, ކީރިތި ޤުރްއާނާއި ރަސޫލާ ސައްލަالله އަލައިހި ވަސައްލަމަގެޠާހިރު ސުންނަތަށް ރުޖޫޢަވެ ދީނުގައި އަންގަވައިފައިވާ ގޮތުގައި ސާބިތުވެތިބެގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ