
އާއިލީ ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ އާއިލާގެ ކޮންމެ ފަރުދަކު އިސްވެ އަދާކުރަންޖެހޭ ވާޖިބެއް!
# ހުތުބާ-
އާއިލީ ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ އާއިލާގެ ކޮންމެ ފަރުދަކު އިސްވެ އަދާކުރަންޖެހޭ ވާޖިބެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ އާއިލީ ގުޅުން ދެމެހެެެއްޓުމުގެ މުހިންމު ކަމުގެ މައްޗަށެވެ.
ހުތުބާގައި ބުނެފައިވަނީ, އާއިލާއަކީ އިންސާނާގެ ޝަޚުޞިއްޔަތު ބިނާކޮށްދީ ތަހުޛީބު މުވާޠިނަކަށް ހަދައިދޭ މަދަރުސާ ކަމަށެވެ. ޢާއިލާއަކީ ކުއްޖާ ބޮޑުވެ، ދިރިއުޅުމުގެ ހަމަތަކާއި، އުޞޫލުތަކާއި، ސަޤާފަތްތަކާއި، އާދަކާދަތައް ލިބިގަންނަ މަރުކަޒު ކަމަށް ބުނެފައިވެއެވެ. އަދި އާއިލާތަކަކީ މުޖުތަމައުއެއްގެ ބިންގަލަށް ވީ ހިނދު މި ބިންގާ ވަރުގަދަކުރެވިގެން ނޫނީ މުޖުތަމަޢު ބާރުވެރިއެއް ނުކުރެވޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޢާއިލާއެއް ފެށިގެން އަންނަނީ މަތިވެރި ގުޅުމަކުންނެވެ. އެއީ ކާވެނީގެ ބަދަހި ގުޅުމެވެ. ޢާއިލީ ގުޅުންތަކުގެ ތެރޭގައި ހިމެނެނީ ދެމަފިރީންގެ ގުޅުމާއި، ދެމަފިރިން އެކަކު އަނެކަކަށް އަދާކުރާންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެވެ. މައިންބަފައިންނާއި ދަރިންނާމެދު އޮންނަގުޅުމާއި މައިންބަފައިންގެ މައްޗަށްވާ ދަރިންގެ ޙައްޤުތަކާއި ވާޖިބުތަކާއި ދަރިންގެ މައްޗަށްވާ މައިންބަފައިންގެ ޙައްޤުތަކާއި ވާޖިބުތަކެވެ.އަދި އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ އަޚުންނާއި އުޚުތުންގެ ގުޅުންތަކާއި އެފަރާތްތަކުގެ ޙައްޤުތަކާއި ވާޖިބުތަކެވެ.މާމައިންނާއި ކާފައިންނާއި ބޮޑު ބޭބެއިންނާއި ބޮޑުދައިތައިންނާއި އެ މީހުންގެ ދަރީންގެ މެދުގައި އޮންނަންޖެހޭ ޙައްޤުތަކާއިވާޖިބުތަކެވެ.
އެހެންކަމުން މި ގުޅުންތައް ބަދަހިކޮށް ބާރުވެރިކުރުމަކީ ޢާއިލާގެ ކޮންމެ ފަރުދަކުމެ އިސްވެ އަދާކުރާން ޖެހޭ ވާޖިބެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އިންސާނީ ނަސްލު ބަލަހައްޓައި ނެގެހެއްޓޭނީ ފާރަވެރި، އޯގާތެރި، ކެތްތެރި ޢާއިލާއެއްގެ ހިޔާވަހިކަން ލިބިގެންކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އިލީ ގުޅުންތައް ވަރުގަދަވެގެން ނޫނީ މާތް ﷲގެ ޝިޢާރުތައް މަތިވެރިކުރާނެ، މުޖުތަމަޢު ބަލަހައްޓައި ނަގަހައްޓައި ދިފާޢުކުރާނެ ޤާއިދުންނާއި، ފަހުލަވާނުން ނުއުފެއްދޭނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޢާއިލީ ޒިންމާގެ ތެރޭގައި މުޖުތަމަޢަށް ބޭނުންވާ ހުރިހައި ދާއިރާތަކަށްމީހުން ބިނާކުރުން ހިމެނެއެވެ. އޭގެ ތެރޭގައި މުފައްކިރުންނާއި، އެދުރުންނާއި، ފަންނުވެރީންނާއި، މަސައްކަތްތެރީންނާއި، ފާރަވެރީންއުފެއްދުން ހިމެނެއެވެ. ޢާއިލީ ގުޅުމުގެ ބޭނުމަކީ މި ފަދަ ޝަޚުޞިއްޔަތުތައް ބިނާކުރުމެވެ. މި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭނީޢާއިލީ ގުޅުން ހަރުދަނާ ކުރެވިގެން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޢާއިލީ ގުޅުން ހަރުދަނާ ކުރުމަށް ޓަކައި ޢާއިލާގެ މެންބަރުންގެ މެދުގައި އެއްބާރުލުމާއި އެއްބައިވަންތަކަންޤާއިމުކުރާން ޖެހޭ ކަމަށާއި, ޢާއިލާގެ ހުރިހާ މެންބަރުން ގުޅިގެން ޢާއިލާ ހަރުދަނާކުރާން މަސައްކަތްކުރާން ޖެހޭ ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ޢާއިލާގެ ތެރޭގައި އިޙްތިރާމްކުރުމާއި އަގުވަޒަންކުރުން އޮންނާން ޖެހޭއިރު ބިނާކުރަނިވި ފާޑުކިއުންތަކާއި ގުޅުންތައް ޤާއިމުކުރެވޭން ޖެހޭކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
"އެކަކު އަނެކާގެ އަޑުއެހުމާއި އިޙްސާސްތަކާއި ބޭނުންތައް، އިޙްތިރާމާއެކު ހިއްސާކުރުމުގެ މާހައުލެއް އުފައްދަން ޖެހޭ. ކެތްތެރިކަމާއި ތަޙައްމަލުކުރުން ކުރިއަށް ނެރޭން ޖެހެއެވެ. ކެތްތެރިކަމާއި ތަޙައްމަލުކުރުމަކީ، ބިނާކުރަނިވި ގޮތެއްގައި ކޯޅުންތަކާއި މައްސަލަތައްހައްލުކުރުމަށް އެހީތެރިވެދޭ ކަމެއްކަން އަމިއްލައަށް ޤަބޫލުކޮށް، ޢާއިލީ އެހެން މެންބަރުންނަށް ސާފުކޮށްދީ ވިސްނައިދޭން ޖެހެއެވެ. ޢާއިލާގެ މެންބަރުންގެ ތަޢުލީމާއި ކުރިއެރުމަށް ޓަކައި ރޭވުންތަކެއް ރާވައި ޢަމަލީ މަސައްކަތްތައް ދުރާލައި ކުރަން ޖެހެއެވެ." -ހުތުބާ
ޢާއިލާގެ ތެރޭގައި ތަޢުލީމާއި ނަފްސުގެ ކުރިއެރުމަށް ހިތްވަރުދީ، ހުނަރާއި ޢިލްމު ތަރައްޤީކުރުމަށް ހޭދަކުރުމަކީ، ދިރިއުޅުމުގައިކާމިޔާބީއަށް ވާޞިލްވާން އެހީތެރިވެދޭ ބާރެއްކަން ޢާއިލާގެ ކޮންމެ މެންބަރަކަށް ޅަފަތުން ފެށިގެން ވިސްނައިދޭންޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ. އެގޮތުން ޢާއިލާގެ ތަނަވަސްކަން ހުންނަ ފަރާތްތަކުން އުފަލާއެކު އެ ޒިންމާ ނެގުމަކީ ދިރިއުޅުމުގެ އަސާސެއްކަމުގައި ހަދަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
"ތިބާގެ ދައްތަ ނުވަތަ ބޭބެ އަދި ޢާއިލާގައި ކެރިފޯރުންތެރިކަން ކުޑަ ފަރާތްތަކުގެ މަތީން ހަނދާންނައްތައި ނުލާށެވެ! މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އެ މީހުން މުސްކުޅި ޢުމުރުގައި އެކަނި އުޅޭން ދޫކޮށްނުލާށެވެ!_ - ހުތުބާ
ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅައިލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ނަސީބުންމަޙުރޫމްވެފައިވާ އެތައް އެތައް ކުޑަކުދީންނާއި، ދޮށީ ޢުމުރުގެ މީހުން މި ދިވެހި ފަސްގަނޑުގައިވެސް ދިރިއުޅެމުން އެބަދެއެވެ. ސަރުކާރުގެބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގައި އެބަތިއްބެވެ. މިއީ ދީނީގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރު، ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ޢާއިލީ ވެށްޓެއްގައި އުފާވެރިކަމާ އެކު ދިރިއުޅުމަކީ ކޮންމެ ފަރުދަކަށް ވެސް ލިބިގެންވާ ޙައްޤެކެވެ. އެ ޙައްޤުން ޢާއިލާގެމެންބަރަކު މަޙްރޫމުކުރުމަކީ އިންސާނީ ކުރިމަގަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ޚާއްޞަކޮށް ޢުމުރުން ދުވަސްވީ ޢާއިލީ މީހުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި ނަފުސާނީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޢާއިލާތަކުގެއަޅާލުމެއް ނެތި މި ފަދަ މަރުކަޒުތަކުގައި ދިރިއުޅޭން ޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިވާކަމެއްކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، މި ކަންކަމާ މެދު ފުންކޮށް ވިސްނައި، ޢާއިލީ ގުޅުން ވަރުގަދަކުރުމަށް ޓަކައި ޢާއިލާގެމެންބަރުންނަށް ޢާއިލީ ވެށްޓެއްގައި ދިރިއުޅުމުގެ ޙައްޤު ހޯއްދައިދިނުމަށް ޢާއިލާގެ ކޮންމެ ފަރުދަކު މަސައްކަތްކުރާން ޖެހޭކަމަށާއި, ޚާއްޞަކޮށް ﷲ ތަނަވަސްކަން ދެއްވައިފައިވާ ޢާއިލީ ކޮންމެ މެންބަރަކު މި ކަމަށް އިސްނަގާން ޖެހޭ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ގުޅުންހުރި

މުދައްރިސުން އެ ކުރައްވާ މަސައްކަތަކީ، ނަބީބޭކަލުން ކުރެއްވި ފަދަ މަސައްކަތްޕުޅެއް - ހުތުބާ
.webp&w=3840&q=75)
އިސްލާމީ މުޖުތަމަޢެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު - ހުތުބާ

މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ
