![ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ - ހުތުބާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F5%2Fphoto_6170319419989933259_y.jpg&w=3840&q=75)
ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ - ހުތުބާ
# ހުތުބާ-
ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މިއަދުގެ ހުތުބާ ހާއްސަކޮށްފައިވަނީ, "ރިޒްޤުގެ ބަރަކާތް ހޯދާށެވެ" މި މައުޟޫއަށެވެ.
ހުތުބާގައި ބުނެފައިވަނީ, ރިޒްޤު ހޯދުމަށް ޓަކައި މަސައްކަތްކުރުމަކީ، ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ މަޚްލޫޤާތުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ކަމެެއް ކަމަށެވެ. އެގޮތުން ދޫނިސޫފާސޫފި ވެސް ހެނދުނު އެ ސޮރުމެންގެ ހާލިތަކުން އުދުހިގެން ދަނީ، ރިޒްޤު ހޯދުމަށް ކަމަށް ބުނެފައިވެއެވެ. ރިޒްޤު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲއާ ވަކީލުކޮށް، އެކަލާނގެ ޙަޟްރަތުން ތައުފީޤު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ޙަޔާތް އާރާސްތުކުރާ މީހާއެވެ.
"މިއަދު މި ވަނީ ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެފައެވެ. މީސްތަކުންގެ މުހުތާދުތައް ގިނަވެފައެވެ. އިއްޔެ ކޮންމެހެން ބޭނުން ނޫން ކަންތައްތައް މިއަދު މި ވަނީ ޟަރޫރީ ކަންކަމަށް ބަދަލުވެފައެވެ. މީގެ އެއް މިސާލަކީ އެއާކޮންޑިޝަނެވެ. މީގެ އަހަރުތަކެއް ކުރިން އެއީ ޟަރޫރީ ބޭނުމެއް ނޫނެވެ. ނަމަވެސް މިއަދު އެއާ ނުލައި އުޅެވޭކަށް ނެތެވެ. މޯބައިލް ފޯނާއި ކޮންޕިޔުޓަރު ފަދަ ވަސީލަތްތައް ވެސް އެ ފަދައެވެ. މި ކަމުގެ ސަބަބުން ކުރާންޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހެއެވެ. މުއުމިނުން ދަންނާން ޖެހޭނެ އެއް ކަމަކީ، މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާ އިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވާކަމެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤްތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެކެވެ." -ހުތުބާ
އަހުރެމެން ﷲގެ ފޮތަށާއި، ކީރިތި ރަސޫލާ ސައްލަالله އަލައިހި ވަސައްލަމަގެ ސުންނަތަށް ބަލައިފި ނަމަ، ރިޒްޤު ހޯދުމުގައި އޮތް ރަނގަޅު ގޮތް ފެންނާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެއީ މާތް ﷲއަށް ބިރުވެތިވެ تَقْوَىވެރިވުމާއި ވަކީލުކުރުމެވެ.
ﷲގެ އަޅުންނާ ކުރިމަތިވެފައިވާ މާލީ ބުރަތަކުން އެމީހުން ސަލާމަތްކޮށްދޭން މަސައްކަތް ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ޞަދަޤާތްތަކުން ޔަތީމުންނާއި މިސްކީނުންގެ ކަރުނަތައް ފުހެދިނުމަށްވެސް ވަނީ ގޮވާލާފައެވެ. އެއީ ޞަދަޤާތަކީ، މުދަލުގައި ބަރަކާތްލައްވައި، މުދާ ރައްކައުތެރިކޮށްދެއްވާނެ ކަމެއް ކަމުގައި ވާތީ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެކެވެ. ﷲގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވެއެވެ. މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުން ލިބޭނެއެވެ. މީހުންގެ ލޯތްބާއި އިޙްތިރާމު ލިބޭނެއެވެ. މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫނެވެ. އަދި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށެވެ. ދުންޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެންނެވެ." -ހުތުބާ
މާތް ﷲ ދެއްވާ ރިޒްޤުގައި ބަރަކާތްލައްވާ ކަންކަމުގެ ތެރޭގައި، ފަތިހާ ތެދުވެ ރިޒްޤު ހޯދާން މަސައްކަތް ފެށުން ހިމެނޭ ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލެއެވެ. އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ. އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވެއެވެ. ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެކެވެ.
"ރިޒްޤަކީ ﷲ ބައްސަވާ އެއްޗެއްކަން ދަންނާށެވެ! އެކަލާނގެ މަޚްލޫޤާތުންގެ މެދުގައި ރިޒުޤު ބައްސަވަނީ އެކަލާނގެ ދެނެވޮޑިގެންވާ ޙިކްމަތެއްގެ މަތީންނެވެ." - ހުތުބާ
މުއުމިނުންނަކީ ކާމިޔާބީގެ ސަބަބުތަކުގައި ހިފެހެއްޓުމަށް ފަހު، މާތް ﷲއަށް ވަކީލުކޮށް، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ، އެމީހުންގެ ރިޒްޤުގައި ބަރަކާތްލެއްވުމަށް އެދި ދުޢާކުރާ މީހުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ﷲ އަށް ދެއްވާ ކޮންމެ އެއްޗެއްގައި ބަރަކާތްލައްވާތޯ ދުއާ ކުރާށެވެ!
ގުޅުންހުރި
![މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FIMG_5586.jpg&w=3840&q=75)
މަސައްކަތުގައި މަކަރުހަދައި، ފަރުވާކުޑަކޮށް، އިހުމާލުވެއްޖެނަމަ، މަސައްކަތުގެ ބަރަކާތް ކެނޑިދާނެ - ހުތުބާ
![ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2Ftop-view-islamic-new-year-with-quran-book.jpg&w=3840&q=75)
ކީރިތި ޤުރްއާނުގެ އަޚުލާޤުން ޒީނަތްތެރިވުމަކީ ގިނަގުނަ ދަރުމައާއި ޘަވާބު ލިބޭނެ ކަމެއް - ހުތުބާ
![އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް - ހުތުބާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F5%2Fphoto_6170319419989933259_y.jpg&w=3840&q=75)
އަނބިދަރީންނަށް ރިޒުޤު ތަނަވަސްކޮށްދިނުމަށް ޓަކައި މަސައްކަތްކުރުމަކީ اللهގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެއް - ހުތުބާ
![ޖުވާކުޅުމަކީ މާތް ﷲ ޙަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެއް - ހުތުބާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F8%2Fphoto_6170319419989933259_y.webp&w=3840&q=75)