
ބޮލީވިއާގައި ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުވެއްޖެ, ބަޣާވާތުގެ ފަހަތުގައި ހުރި ޖެނެރަލް ހައްޔަރަށް!
# ބޮލީވިއާ--
ބޮލީވިއާގެ ޖެނެރަލެއް އިސްވެ ހުރި އެގައުމުގެ ވެރިކަން ހޯދުމަށް ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގެ އަސްކަރިއްޔާއިން މީގެ އެއްދުވަސް ކުރިން ވަކިކުރި ޖެނެރަލަކު އިސްވެ ހުރެ ވަނީ އެގައުމުގެ ރިޔާސީ ގަނޑުވަރަށް ސިފައިންގެ ބަޔަކާއި އެކު ވަދެ ބަޣާވާތް ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެގައުމުގެ ރައީސްގެ ކޮންޓްރޯލް އޮތް އަސްކަރިއްޔާގެ ހުށިޔާރު ކަމާއި އެކު ބަޣާވާތް ވަނީ ނާކާމިޔާބުކޮށްލާފައި އެވެ.
މި ބަޣާވާތުގެ ތުހުމަތުގައި ބޮލީވިއާގެ އަސްކަރިއްޔާގެ ކޮމާންޑަރުކަމުން މީގެ އެއް ދުވަސް ކުރިން ވަކިކުރި ޖެނެރަލް ހުއާން ހޯސޭ ޒޫނިގާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޖެނެރަލް ހުއާން ހޯސޭ ޒޫނިގާ އިސްވެ ހުންނަވާ އަސްކަރީ ޔުނިޓްތަކުން ވެރިރަށް ލާ ޕާޒްގެ މައި ސްކޮޔާ ހިފަހައްޓައި، ހަތިޔާރު އެޅި އުޅަނދުތައް ގަނޑުވަރުގެ ދޮރުގައި ޖެހި، ސިފައިން ސަރުކާރުގެ އޮފީސްތަކަށް ވަންނަން މަސައްކަތް ކުރި އެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ރައީސް ލުއިސް އާކޭ ތޮއްޖެހިފައިވާ ގަނޑުވަރު ހޯލްވޭގައި ޒޫނިގާއާ ކުރިމަތިލައްވައި، ޖެނެރަލަށް ސިފައިން އަނބުރާ ގެންގޮސް ސަރެންޑާކުރުމަށް އަމުރު ކުރައްވާ މަންޒަރު ފެނެ އެވެ.
އަދި އޭގެ އިރުތަކެއް ފަހުން އެގައުމުގެ ފުލުހުން ޖެނެރަލް ޒޫނިގާ ކަސްތޮޅު އަޅުވައި ފުލުހުންގެ ކާރަކަށް އަރުވާ މަންޒަރު ވަނީ އެގައުމުގެ ޓީވީތަކުން ދައްކާފައި އެވެ. އަދި ކުޑައިރުކޮޅެއް ފަހުން ރައީސް އާކޭ، ރިޔާސީ ގަނޑުވަރަށް ޖަމާވެފައި ތިބި ގިނަ ބަޔަކާ ދިމާއަށް ބަޣާވާތް ނާކާމިޔާބުވިކަން އިޝާރާތް ކުރެއްވި އެވެ.
ބޮލީވިއާއަކީ ސިޔާސީ ހަލަބޮލިކަމުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އެގޮތުން 1946 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެގައުމުގައި ގާތްގަނޑަކަށް 40 ވަރަކަށް ބަޣާވާތް ކުރަން މަސައްކަތްކޮށްފައި ވެއެވެ.
ގުޅުންހުރި

ބޮލީވިއާގައި ދެ ބަސް ޖެހި ހިނގި އެކްސިޑެންޓެއްގައި 37 މަރު!

މެސީގެ ހެޓްރިކާއެކު ބޮލީވިއާ އަތުން އާޖެންޓީނާއަށް ފަސޭހަ މޮޅެއް

ބޮލީވިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 20 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ
