ކެނަޑާ އަތުން މޮޅުވެ އާޖެންޓީނާ އިން މުބާރާތް ފެށީ މޮޅަކާއެކު
ހަސަން ޝަމްއޫން
6/21/2024, 8:20:50 AM
އަލްވަރޭޒް (ކ) ކެނަޑާކޮޅަށް ލަނޑުޖެހުމަށްފަހު ކެޕްޓަން މެސީ (ވ) އެކު އުފާފާޅުކުރަނީ
އެމެރިކާގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭފަތިހު އެންމެ ފަހުގެ ޗެންޕިއަން އާޖެންޓީނާ އާއި ކެނަޑާ ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާޖެންޓީނާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީވލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އާޖެންޓީނާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.
މިއީ އެޓީމުގެ މިޑްފީލްޑަރު މެކް އަލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ މިނެޓެއް ފަހުން އަލްވަރޭޒް އަށް ވަނީ އެޓީމުގެ ލީޑު ފުޅާ ކުރަން ވެސް ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކެނަޑާގެ ކީޕަރު ކްރެޕައު އެވެ.
މިީގެ އިތުރުން ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ވެސް ވަނީ އެޓީމުގެ ލީޑު ފުޅާކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުންކުރެވޭގޮތް ނުވެފައެވެ. އަދި އޭގެ މިނެޓެއް ފަހުން ކެނަޑާގެ ޖޮނަތަން ޑޭވިސް އަށް ވެސް ވަނީ މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަނގަޅު ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އާޖެންޓީނާގެ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ޑޭވިސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
އާޖެންޓީނާ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. މިއީ އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާޖެންޓީނާގެ ޒުވާން ފޯވާޑް ޖޫލިއަން އަލްވަރޭޒް އެވެ.