logoEN
cocacola
ރަށުން ބޭރުގައި ލިވަޕޫލުން އަތުން މޮޅުވެ އެޓަލާންޓާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ރަށުން ބޭރުގައި ލިވަޕޫލުން އަތުން މޮޅުވެ އެޓަލާންޓާ އިން ސެމީގެ ފުރުސަތު ބޮޑުކޮށްފި

ހަސަން ޝަމްއޫން

logo

4/12/2024, 6:28:12 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# ޔުއެފާ ޔޫރޮޕާ ލީގު # ލިވަޕޫލް# އެޓަލާންޓާ

ލިވަޕޫލު ކޮޅަށް ލަނޑުޖެހުމަށް ފަހު އެޓަލާންޓާގެ ކުޅުންތެރިން އުފާފާޅުކުރަނީ

ޔުއެފާ ޔޫރޮޕާ ލީގު ކުއާޓާ ފައިނަލުގެ ފުރަތަަމަ ލެގުގައި ބުރާސްފަތި ދުވަހުގެ ރޭ ރަށުން ބޭރުގައި 3-0 ގެ ނަތީޖާއަކުން ލިވަޕޫލް އަތުން މޮޅުވެ އެޓަލާންޓާ އިން މުބާރާތްގެ ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ގޮސިޔާ

މިއީ 2020 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސްލީގު ގުރޫޕް ސްޓޭޖުގައި ލިވަޕޫލުގެ ދަނޑުގައި 2-0 ގެ ނަތީޖާއަކުން އެޓަލާންޓާ މޮޅުވި ފަހުން މިދެޓީމު ވާދަކުރި ފުރަތަަމަ މެޗެވެ. ނަމަވެސް އޭގެ ކުރިން އެޓަލާންޓާ ދަނޑުގައި ކުޅެވުނު މެޗު ލިވަޕޫލުން ވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ފުރަތަަމަ ހާފުގައި ލިވަޕޫލު ފޯވާޑް ޑާވިން ނުނޭޒްގެ އިތުރުން އެލެކްސިސް މާކް އެލިސްޓާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، މެޗުގެ 27 ވަނަ މިނެޓުގައި އެޓަލާންޓާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ލިވިޕޫލުގެ ޑިފެންޑަރު ހާވީ އެލިއޮޓް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އެޓަލާންޓާ އިން މެޗުގެ ލީޑު ހޯފި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިޓަލީ ފޯވާޑް ޖިއަންލޫކާ ސްކޭމަކާ އެވެ. މިއީ އެޓީމުގެ ޑިފެންޑަރު ޑޭވިޑް ޒަޕަކޯސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެޓަލާންޓާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، އެޓަލާންޓާ އިން އެޓީމުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައެވެ. މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޖިއަންލޫކާ ސްކޭމަކާ އެވެ. މިއީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ޗާލްސް ޑި ކެޓެލޭރް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓަލާންޓާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކްރޮއޭޝިޔާ މިޑްފީލްޑަރު މާރިއޯ ޕަސަލިކް އެވެ.

މިއީ އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު އެޑަސަން ކުރިއަށް ފޮނުވާލި ބޯޅައެއް ލިވަޕޫލުގެ ކީއްޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން އެޓަލާންޓާ ކުރީގައި އޮވެގެންނެވެ.

މިދެޓީމުގެ މެދުގައި ކުޅެވޭ ކުއާޓާ ފައިނަލު ދެވަނަ ލެގުގެ މެޗު އެޓަލާންޓާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ